މާބައިދޫގައި ގެސްޓްހައުސް ވިޔަފާރި ކުރުމަށް ދެ ބިން ކުއްޔަށް ދެނީ

ލ. މާބައިދޫގައި ގެސްޓްހައުސް ވިޔަފާރި ކުރުމަށް ދެ ބިމާއި ރެސްޓޯރެންޓް ހަދައި ހިންގުމަށް ބިމެއް ކުއްޔަށް ދިނުމަށް ނިންމައި ހައްދުންމަތީ މާބައިދޫ ކައުންސިލުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ރަށުގައި ފަތުރުވެރިކަން އިތުރުކުރުމުގެ ގޮތުން، މާބައިދޫ ކައުންސިލުން ގެސްޓް ހައުސް ހިންގުމަށް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ 10800 އަކަފޫޓުގެ ބިމަކާއި 6300 އަކަފޫޓުގެ ބިމެކެވެ. އަދި ރެސްޓޯރެންޓް ހަދައި ހިންގުމަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 1300 އަކަފޫޓުގެ ބިމެކެވެ. މި ތިން ބިންވެސް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 35 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މާބައިދޫ ކައުންސިލުން މިކަން އަންގައި ރަސްމީކޮށް އިއުލާނުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ބިންތައް ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 15 ޖެނުއަރީ 2025 އިން 30 ޖެނުއަރީ 2025 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 14:00 އަށް ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާއިން ކަމަށް އެ އިއުލާނުގައިވެއެވެ. 10800 އަކަފޫޓުގެ ބިމުގެ ބިޑް ފޮތް ވިއްކާ އަގަކީ 5000 ރުފިޔާއެވެ. އަދި އަނެއް ދެ ބިމުގެ ބިޑް ފޮތް ވިއްކާ އަގަކީ 3000 ރުފިޔާއެވެ. މީގެއިތުރުން، ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 10 ފެބްރުވަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.
މާބައިދޫ އަކީ ފަތުރުވެރިންނަށް ހިތްގައިމު މަންޒިލެކެވެ. ހާއްސަކޮށް، އެ ރަށުގެ ”އަހަގުން ކޯރު“ އަދި ”ސާފް ޕޮއިންޓް“ އަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ދެ މަންޒިލެވެ.
2025 ވަނަ އަހަރު ވެގެންދާނީ ލ.އަތޮޅުގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް އަންނަ އަހަރަކަށެވެ. އެގޮތުން، ހައްދުންމަތީ ގަމު ކައުންސިލުންވެސް ވަނީ ރަށުގައި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ތިން ބިމެއް ކުއްޔަށް ދީފައެވެ.