”ރަށު އެކްސްޕޯ“ ގައި ގަމުން ބައިވެރިވެއްޖެ

ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ސަގާފަތާއި އެކިއެކި ހަރަކާތްތައް ދައްކުވައިދޭގޮތަށް ކުރިޔަށްގެންދާ ”ރަށު އެކްސްޕޯ 2025“ ގައި ގަމުން ބައިވެރިވެއްޖެއެވެ.
ރަށު އެކްސްޕޯ އަކީ މާކެޓިން ފާމެއްކަމަށްވާ ދަ ޓްރެވަލް ގައިޒްއިން އިންތިޒާމްކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ މިބާވަތުގެ ފުރަތަމަ އިވެންޓެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބުރުއަރީމަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.
ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ މި އެކްސްޕޯގައި ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން ބައިވެރިވާނެ ކަމަށް ބެލެވެއެވެއެވެ. މި އެކްސްޕޯގައި ބައިވެރިވުމުން ރަށް އިޝްތިހާރުވެ، އެރަށެއް ގިނަ ބަޔަކަށް އެންގި ރަށަށް ޝައުގުވެރިކަން އުފެދިގެން ދިއުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.
މި އެކްސްޕޯ ތެރޭގައި ރަށުގެ ގެސްޓް ހައުސް އަދި އެހެނިހެން ލޯކަލް ޕެކޭޖްތައް ވިއްކާލުމުގެ ފުރުސަތު ލިބިގެންދާއިރު، ރަށުގެ މީރު އެކި އެކި ކެއުންތަށް ދައްކާލާ، އިޝްތިހާރުކުރެވި އަދި ވިއްކާލުމުގެ ފުރުސަތުވެސް ފަހިވެގެން ދެއެވެ.
މި އެކްސްޕޯއަކީ އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާއި ގިނަ އަދަދެއްގެ އާއްމު ފަރާތްތަކުން ޒިޔާރަތް ކުރާނެ އެކްސްޕޯއެކެވެ. އެހެންކަމުން މި އިވެންޓް ތެރެއިން ވިޔަފާރި ފުޅާކުރުމަށް އެކި ފަރާތްތަކުގެ ޝައުގުވެރިކަން ހޯދޭނެއެވެ.
މިއަހަރު ގަމު ކައުންސިލުން ފަތުރުވެރިކަން ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާއިރު، މިފަދަ އެކްސްޕޯގައި ބައިވެރިވެގެން ރަށް އިތުރަށް ޕްރޮމޯޓް ކުރުވޭނެއެވެ.