ގޯލްޑެން ފުޓްސަލް ޗެލެންޖް: މާބައިދޫ ބަލިކޮށް ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ގަން ސެމީއަށް

ގޯލްޑެން ފުޓްސަލް ޗެލެންޖު 2025 ގައި ރޭ 2-0 ގެ ނަތީޖާއަކުން މާބައިދޫ ބަލިކޮށް، ގަން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަމުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 6-1 ގެ ނަތީޖާއަކުން މާވަށް ބަލިކޮށްފައެވެ. ޖުމްލަ ހަ ޕޮއިންޓާއެކު ގަން ސެމީއަށް ދަތުރުކުރީ ގުރޫޕު ”އޭ“ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ރޭގެ މެޗަކީ މުބާރާތުގައި މާބައިދޫން ކުޅުނު ފުރަތަމަ މެޗެވެ.

ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން، ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެފައިވަނީ ގަމުންނެވެ. އެގޮތުން، އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި މާބައިދޫން ވަނީ މެޗުގެ ކުރީކޮޅު، ހާފުން ޖައްސައިގެން މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ގަމަށް ލިބުނު ކޯނަރަކުން އަބްދުﷲ ޖުނެއިދު (ޖޭންނެ) ވަނީ ލަނޑެއް ޖަހައި ގަމަށް ކުރިހޯދަދީފައެވެ. ހުސައިން ނާޝިދު (ނާއްޓޯ) ތަނަވަސްކޮށްދިން ފުރުސަތުގައި، ޖޭންނެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ގަމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ހާފުގެ ފަހު މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މުހައްމަދު މުސްލިހު (މުއްޓި) އެވެ. މިއާއެކު ގަމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން މާބައިދޫން ކުޅުނީ ކުރިޔަށް ޖެހިގެނެވެ. މި ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. ނަމަވެސް، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ގުރޫޕު ”އޭ“ އިން ސެމީ ފައިނަލަށް ދަތުރުކުރާނެ ދެވަނަ ޓީމު ކަށަވަރުވާނީ މާބައިދޫ އާއި މާވަށް ބައްދަލުކުރާ މެޗަށްފަހުއެވެ. މެޗު އެއްވަރުކޮށްގެންވެސް މާބައިދުއަށް ސެމީގެ ޖާގަ ލިބޭނެއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments