ގޯލްޑެން ފުޓްސަލް ޗެލެންޖް: ކަލައިދޫ ބަލިކޮށް އިސްދޫން ސެމީގެ ޖާގަ ކަށަވަރުކޮށްފި

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގައި ރޭ 5-1 ގެ ނަތީޖާއަކުން ކަލައިދޫ ބަލިކޮށް އިސްދޫން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
މިއީ މިއަހަރުގެ މުބާރާތުގައި އިސްދޫން ކުޅުނު ފުރަތަމަ މެޗެވެ. ގުރޫޕް ”ބީ“ ގެ ފުރަތަމަ މެޗުގައި މުންޑުއާއި ކަލައިދޫ ބައްދަލުކޮށް، ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ރޭގެ ނަތީޖާއަށްފަހު ކަލައިދުއަށް ވަނީ ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.
ހުޅުމާލޭ ރެހެނދި ޓާފްގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އިސްދޫ ޓީމުގެ ކެޕްޓަން، އަލީ މީސާގް އީސާ (މީއްޓެ) ވަނީ ލަނޑެއް ޖަހައި އިސްދުއަށް ކުރިހޯދަދީފައެވެ. އަދި ހާފުގެ ފަހު މިނެޓުގައި ހުސައިން އަފްހާން ވަނީ އިސްދުއަށް ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އަހުމަދު އައްސަދު (އަސޫ) ވަނީ ލަނޑެއް ޖަހައި ކަލައިދުއަށް އުއްމީދު އައުކޮށްފައެވެ. ނަމަވެސް އަހުމަދު އަފްސަމް ގާތްގާތުގައި ޖެހި ދެ ލަނޑާއެކު އިސްދޫން ވަނީ އިތުރަށް ލީޑު ފުޅާކޮށްފައެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މީއްޓެ ވަނީ އިސްދޫ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
އިސްދުއާއި މުންޑޫ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އިސްދޫ އަތުން ތިން ލަނޑުގެ ފަރަގަކުން މުންޑޫ ބަލިވިޔަސް އެ ޓީމަށް ސެމީގެ ފުރުސަތު ލިބޭނެއެވެ.