ގޯލްޑެން ފުޓްސަލް ޗެލެންޖް: އިސްދުއަށް ގުރޫޕުގެ އެއްވަނަ، ދެވަނަ ޓީމުގެ ގޮތުގައި މުންޑޫ ސެމީއަށް

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގައި ރޭ 3-1 ގެ ނަތީޖާއަކުން މުންޑޫ ބަލިކޮށް އިސްދޫން ގުރޫޕު ”ބީ“ ގެ އެއްވަނަ ހޯދިއިރު، ދެވަނަ ޓީމުގެ ގޮތުގައި މުންޑުއަށް ސެމީ ފައިނަލްގެ ޖާގަ ލިބިއްޖެއެވެ.
ގުރޫޕުގެ ފުރަތަމަ މެޗުގައި ކަލައިދުއާއި މުންޑޫ ބައްދަލުކޮށް، ދެ ޓީމު ވަނީ އެއްވަރުވެފައެވެ. އަދި އިސްދޫން ވަނީ 5-1 ގެ ނަތީޖާއަކުން ކަލައިދޫ ބަލިކޮށްފައެވެ. އިސްދޫން ހަ ޕޮއިންޓު ހޯދިއިރު، މުންޑުއަށް ސެމީގެ ޖާގަ ލިބުނީ ލަނޑުގެ ތަފާތުންނެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަލީ މީސާގް އީސާ (މީއްޓެ) ވަނީ ލަނޑެއް ޖަހައި އިސްދުއަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
މުންޑޫން ވަނީ ދެވަނަ ހާފުގެ ފެށުން ރަނގަޅުކޮށްފައެވެ. އެގޮތުން، ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އަހުމަދު ނަބީލް ވަނީ މުންޑުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ 31 ވަނަ މިނެޓުގައި އިސްދުއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ހުސައިން އަފްހާން އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަލީ ހުމޭޒު ވަނީ އިސްދުއަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހުމޭޒު އެވެ.
ސެމީގައި އިސްދޫ ނިކުންނާނީ މާބައިދުއާ ދެކޮޅަށެވެ. އަދި މުންޑޫ ބައްދަލުކުރާނީ ގަމު ފުޓްސަލް ޓީމާއެވެ.