މައިވަންތަ ލޯބީގެ އުޖޫރައަކީ މިއީތޯއެވެ؟

ހޮސްޕިޓަލުގައި އޮތް ރަހުމަތްތެރިއަކަށް ޒިޔާރަތްކޮށްލަން ދިޔަ ދުވަހެކެވެ. ވޯޑަށް ވަންތަނުން ލޮލުގައި އަޅައިގަތީ އެނދުމަތިކޮށްފައިވާ އަންހެނެކެވެ. އުމުރުން ދުވަސްވެފައިވާ މުސްކުޅިއެކެވެ. ބަލިކަށިވެ ކަމީނާވެފައިވާ ހަށިގަނޑެކެވެ. އަރިހުގައި މީހަކު ނެތެވެ. އެކަނި މާއެކަނި ގިނިކަންޏާ އޮތް އެއުމުރުގެ މީހަކު ފެނުމުން ހިތަށް އަސަރުތަކެއް ކޮށްފިއެވެ. ހިތުގައިވާ އެތައް ސުވާލުތަކަކާއިއެކު އެދައިތަގެ ކައިރިއަށް ލެފިލީމެވެ. ކައިރީގައި މަޑުކޮށް ސަލާން ގޮވާލަމުން ހާލުއަހުވާލު އޮޅުންފިލުވައިލީމެވެ. ވާހަކަ ދައްކަމުން ހިތުގައި ހުރި ސުވާލުތައް ދޭތެރެއަކުން ސުވާލެއް ކުރަމުން ގެންދިޔައީމެވެ. އިސާހިތަކު އެދައްތަގެ ހާލަތު ދެނެގަނެވިއްޖެއެވެ.
އެހީތެރިއަކަސް މަދަދުދާރަކަސް ހުރީ މުސްކުޅިވެ ގައިބާރުދެރަވެފައިވާ ފިރިމީހާއެވެ. އެވަގުތަކީ މެންދުރުގެ ކެއުން ބަލައި އެފަކީރު އެތަނުން ބޭރަށް ޖެހިލި ވަގުތެވެ. މުސްކުޅި ހާލުގައި ވެސް އަނބިމީހާގެ ހިދުމަތުގައި އެއުޅެނީ ހަމަނިދި ނުނިދައެވެ. އެހާލެއްގައި ހޮސްޕިޓަލުގައި އުޅޭތާ ހަފުތާއެއް ވަނީއެވެ. ނިންޖަށް ބަލިވެ ތާއްޔާ ޖެހެން ފެށުމުން ގޮނޑީގައި އިނދެ އެނދުގައި ބޯއަޅާލައިގެން ކުޑަކޮށް ނިދައިލަނީއެވެ.
އެދައިތައަކީ ވެސް ބޮޑުސިންގާ ފަސް ކުދިންގެ މަންމައެކެވެ. ދަރިން ކޮބައިތޯ އަހައިލުމުން ބުންޏެވެ. އެކުދިން ވަރަށް ބިޒީ އެވެ. އެކުދިން އެކުދިންގެ ކަންކަމައިގެން އަވަދިނެތި ވީމައެވެ. ވަޒީފާއާއި އާއިލާގެ ކަންކަމުގައެވެ. ކޮފީ މޭޒުތަކާއި ސައިހޮޓާތަކުގައެވެ. ކުޅިވަރުކުޅުމާއި މަޖާކުރުމުގައެވެ.
ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ކުދިންގެ ހިދުމަތުގައި އެމަންމަގެ މުޅި އުމުރު ހޭދަކުރިއެވެ. އެކަމަކު ބަލިއެނދުގައި ވީ ހިނދު އެތަނަށް ލެފިލާނެ ދަނޑިވަޅެއް އެއިން ކުއްޖަކަށް ނުލިބުނެވެ. އެކުދިން ނުނިދާތީވެ ނުވަތަ ގެއަށް ނާންނާތީވެ އެތައް ރެއެއްގެ ނިދި ނަގާލައި ހޭލާ ހުރިއެވެ. އެކަމަކު އެމަންމަގެ ހައްގުގައި އެންމެ ރެއަކު ނިދި ނަގާލައި އެތަނުގައި ދަމަށް އިނދެލަން އެއިން ކުއްޖަކަށް ނުކެރުނެވެ. އެކުދިން ނުކައިގެން ނުވަތަ ކާން ނައިސްގެން އެތައް ދުވަހަކު އެމަންމަ ނުކައި ހާންތިވެފައި ހުންނަންޖެހުނެވެ. އެކަމަކު ކާނެ އެއްޗެއް ބޯނެ ފެންފޮދެއް ދިއްކޮށްލަން ނުކެރުނު ތާނގައި މަންމަ އޮތީ ކައިގެންތޯ އަހާލަން ގުޅާލަންވެސް އެއިން ކުއްޖަކަށް ވަގުތެއްނުވިއެވެ. އެއިރު އެއިން ކުއްޖަކު ބައްޔެއް ވެއްޖެނަމަ ރެއާއި ދުވާލު ހިންދެމިނުލައި ހޭހަންކުރަން ހުރި މައިމީހާ މުސްކުޅި ހާލުގައި ބަލި އެނދުގައި އޮންނަން ޖެހުނު ހިނދު އެވަނީ ބިކަކޮށް ބޭކާރުކޮށްލާފައެވެ. މައިވަންތަ ލޯބީގެ އުޖޫރައަކީ މިއީތޯއެވެ؟