ޕްރިޒަން އޮފިސަރގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ޕްރިޒަން ޕްރައިވެޓްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ..

ކަރެކްޝަނަލް ސާވިސްއިން މި މަގާމަށް ކުރިމަތިލުމަށް ރަސްމީކޮށް ހުޅުވާލައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކަރެކްޝަންސް އިން ކުރި އިއުލާނެއްގައިވާ ގޮތުން، މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ 15:00 އެވެ.

މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުގެ މަތިން މަސައްކަތް ކުރުމެވެ. މި މަގާމަށް މީހުން ހޮވުމުގައި އިސްކަން ދޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ބޭއްވޭ ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުން ފާސްވާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަން، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް އިސްކަން ދެވޭނެ އެވެ..

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ސާނަވީ އިމްތިހާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން ’ޑީ‘ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ އިމްތިހާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން ’ސީ‘ ފާސް ލިބިފައިވުން ހިމެނެ އެވެ. ނުވަތަ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ. މީގެއިތުރުން، އުމުރުން 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން ޝަރުތުކޮށްފައިވެއެވެ. އަދި ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ..

މި ވަޒީފާގެ އަސާސީ މުސާރައަކީ މަހަކު 6,050 ރުފިޔާއެވެ. މީގެ އިތުރުން، މަގާމުގެ ހުވާ ކުރުމަށްފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3,500 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 2,500 ރުފިޔާ ލިބޭނެއެވެ.

މި ވަޒީފާއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށާއި އީމެއިލް ލިބުނުކަން ކަށަވަރުކުރުމަށް 3026114 ނަންބަރަށް ގުޅުމަށް އަދި 9112451 ނަންބަރަށް ވައިބަރ ކުރުމަށް އިއުލާނުގައި އެދިފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments