ގޯލްޑެން ފުޓްސަލް ޗެލެންޖް: މާބައިދޫ ބަލިކޮށް އިސްދޫ ފައިނަލަށް

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގެ ލ.އަތޮޅު ބުރުގެ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން މާބައިދޫ ބަލިކޮށް އިސްދޫ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީ ފައިނަލަށް އިސްދޫ ދަތުރުކުރީ ގުރޫޕު ”ބީ“ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މާބައިދޫން ސެމީގެ ޖާގަ ހޯދީ ގުރޫޕު ”އޭ“ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލޫތު އަހުމަދު ފަތުހީ ވަނީ ލަނޑެއް ޖަހައި އިސްދުއަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ހުސައިން އަފްހާން ވަނީ އިސްދުއަށް ލީޑު ފުޅާކޮށްދީފައެވެ.
މާބައިދޫ ޓީމުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ހުސައިން ނަވާޒް އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަފްހާން އެވެ.
ލ.އަތޮޅުގެ ފައިނަލުގައި އިސްދޫ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ގަމާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ގަމުން ވަނީ އިސްދޫ ބަލިކޮށްފައެވެ.