މާންދޫ އިޙުތިޖާޖު- މަސްވެރިންގެ އާއިލާތައްވެސް އިޙުތިޖާޖަށް !

ހައްދުންމަތީގެ މަސްވެރީންނާއި ކޮޅުމަޑުލު މަސްވެރީން ގުޅިގެން 12 ނޮވެމްބަރ 2022 ވަނަ ދުވަހު ހެނދުނުއްސުރެ ލ. މާންދޫ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގައި ކުރިއަށްގެންދާ ސުލްޙަވެރި އިހުތިޖާޖުގައި އެ ފަރާތްތަކުގެ އާއިލާތަކުން ވެސް ބައިވެރިވެފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

ގިނަ އަދަދެއްގެ ޒުވާނުން އަދި ހަރު އުމުރުގެ މަސްވެރިން އެއް ރޫޙެއްގައި އިންތިޒާމުވެގެން ސުލްހަވެރިކޮށް ކުރިއަށްގެންދާ މި އިހުތިޖާޖުގައި އެ ފަރާތްތަކުހެ އާއިލާތަކުން ވެސް ބައިވެރިވެފައިވާކަމުގެ މައުލޫމާތު ލިބޭއިރު، އެ ފަރާތްތަކުން އިހުތިޖާޖު ކުރަމުން ގެންދަނީ މާންދޫ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގެ މައި ދޮރާށިކައިރީގައި ކަމަށް މައުލޫމާތު ލިބެއެވެ. މަސްވެރިންގެ މި އިހުތިޖާޖުގައި ބައިވެރި ވި މަސްވެރިންގެ އާއިލާ މެމްބަރުންގެ ތެރޭގައި އެފަރާތްތަކުގެ އަނބިދަރީން އަދި އާއިލާގެ އެހެން މެމްބަރުން ވެސް ބައިވެރި އަޑުއުފުލަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ލާމަށް މައުލޫމާތުދިން މުޒާހަރާގެ ބައިވެރިޔަކު ބުނީ މުޒާހަރާގައި އަޑުއުފުލަމުން ގެންދާ މަސްވެރިންގެ އިތުރުން އެފަރާތްތަކުގެ އާއިލާ މެމްބަރުން މިހާރު މާންދޫ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގެ މައި ދޮރާށިކައިރިއަށް އެއްވެ އަޑުއުފުލަމުން އަންނަ ކަމަށެވެ. އަދި އެފަރާތްތަކުން ވެސް މި އިޙުތިޖާޖު ކުރިޔަށްދާހާ ހިނދެއްގައި ބައިވެރިވުން ކުރިޔަށް ގެންދާނެ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

އިއްޔެއިން ފެށިގެން ހައްދުންމަތީގެ މަސްވެރީންނާއި ކޮޅުމަޑުލު މަސްވެރީން ގުޅިގެން ކުރިޔަށް ގެންދާ އިޙުތިޖާޖު މިއަދުވެސް ކުރިޔަށްދާއިރު، މަސްވެރިން ގެންދަނީ މާންދޫ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްގެ މައި އޮފީސްދޮށަށް އެއްވެ އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. މިގޮތުން މަސް ކިރުވާފައި ދޭން ޖެހޭ ފައިސާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގާ ހޮރައިޒަން ފިޝަރީޒް ކުންފުނިން ނުދޭ މައްސަލައާއި ތެލާއި އައިސްގެ އަގު ބޮޑުވުމާއި ނުލިބުމުގެ މައްސަލަ އަދި މިފްކޯއިން ގަންނަ އަގަށް ހޮރައިޒަން އިން މަސް ނުގަންނަ މައްސަލަ އެމީހުން ފާހަގަކުރެއެވެ.

ހައްދުންމައްޗާއި ކޮޅުމަޑުލަށް ނިސްބަތްވާ 25 ދޯނީގެ މަސްވެރީން ކުރަމުންގެންދާ ސުލްހަވެރި މި އިޙުތިޖާޖު ދުވަހެއް ދުވަހަކަށް ވަރުގަދަކުރަމުން އަންނައިރު، މިއަދު ވަނީ ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ މާންދުއަށް ވަޑައިގެން މަސްވެރިންގެ ޑިމާންޑުތަކުގެ އަޑު އައްސަވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments