ގަމުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް މުއައްސަސާތައް ގުޅިގެން ގިނަ މަސައްކަތްތަކެއްކޮށްފި

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ގަމުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް އެ ރަށުގެ މުއައްސަސާތައް ގުޅިގެން މިއަދު ގިނަ މަސައްކަތްތަކެއް ކޮށްފިއެވެ.
މުޅި ރާއްޖޭގެ މޫސުން މިހާރު ގޯސްވެފައިވާއިރު، މިއަދު އެންމެ ބޮޑަށް އަސަރުކުރި އެއް އަތޮޅަކީ ލ.އަތޮޅެވެ. އެގޮތުން، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު މެންދުރު 12:00 އިން 17:00 އަށް، އަދި 18:00 އިން 00:00 އަށް ލ.އަތޮޅު ހިމެނޭ ސަރަހައްދައް ހުދު ސަމާލު ނެރެފައެވެ.

ރަށުގައި ފެންބޮޑުވުމުގެ ސަބަބުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ގަމުގެ މުއައްސަސާތަކުން މިއަދު ވަނީ މަސައްކަތް ކޮށްފައެވެ. މި މަސައްކަތްތަކުގައި ބައިވެރިވެފައިވަނީ ހައްދުންމަތީ ގަމު ކައުންސިލާއި، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި، ގަމު ފުލުހުން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އެވެ.

ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ގަމުގެ އެކި ސަރަހައްދުތަކުން މިއަދު ވަނީ ކޯރުތަކެއް ކޮނެފައެވެ. އަދި ތިން ޕަމްޕެއް ބޭނުންކޮށްގެން، މަގުތަކުގައި ފެން ހިންދުމަށްވެސް ވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެއިތުރުން، ފެން ވަންނަ ކަމަށް ރިޕޯޓުކޮށްފައިވާ ގެތަކަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ގަމު ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.