ލާމު އަތޮޅަށް ހާއްޞަކޮށްގެން ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހެއް ހިންގަނީ

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު، ލާމު އަތޮޅަށް ހާއްޞަކޮށްގެން ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހެއް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެންދެރި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ޤާބިލު ރޭންޖަރުންތަކެއް އުފެއްދުމެވެ. މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނެ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދެވޭނެއެވެ.
މިނިސްޓްރީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ކޯހުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމިކަމުގެ މާއްދާތައް ހިމެނެއެވެ. އަދި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ނިޔަމި 2 ކޯހުގެ ސެޓްފިކެޓް ލިބޭނެކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ކޯހަކީ ރާއްޖޭގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ހާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ފަރުމާކުރެވޭ ކޯހެކެވެ. އަދި މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެއެވެ.
މިނިސްޓްރީން އިތުރަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކޯހުގެ ފުރަތަމަ ބުރު ލާމު އަތޮޅަށް ހާއްޞަކޮށްގެން ހިންގުމަށް ނިންމާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެހެން އަތޮޅުތަކަށްވެސް މި ކޯސް ތަޢާރަފުކުރެވޭނެއެވެ. މި ކޯހުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.