ގަން ބަލިކޮށް އިސްދޫން ފުރަތަމަ ފަހަރަށް ތަށި އުފުލާލައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ލ.އަތޮޅު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ގަން ބަލިކޮށް އިސްދޫން ފުރަތަމަ ފަހަރަށް ތަށި އުފުލާލައިފިއެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު ފެށިގެން ހަވަނަ މިނެޓުގައި އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ލަނޑެއް ޖަހައި ގަމަށް ކުރިހޯދަދީފައެވެ. އޭގެފަހުން، އިސްދޫން ކުޅުނީ މުޅި ޓީމު ޕްރެސް ކޮށްގެނެވެ.
ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު، އިސްދޫން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ ދެވަނަ ހާފުގައެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ކެޕްޓަން އަލީ ހިމޭޒު އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރު ވުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ. އިސްދޫ ޓީމުން ވަނީ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ހުމޭޒުގެ އިތުރުން، ހުސެއިން އަފްހާން އަދި ލޫތު އަހުމަދު ފަތުހީ އެވެ. ގަމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ މުހައްމަދު ރަޒާން (ރާއްކޮ) އާއި މުހައްމަދު މުސްލިހު (މުއްޓި) ޖެހި ޕެނަލްޓީ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިސްދޫ ޓީމުގެ ކީޕަރު، ވިސާމް އަބްދުﷲ އެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އިސްދޫ ޓީމުގެ ހުމޭޒު ހޮވުނުއިރު އެންމެ ގިނަ ލަނޑު ޖެހީ ގަމު ޓީމުގެ އައްމަޑޭ އެވެ.