ދުރުވީކީ ނޫނެވެ. ދުރުކޮށްލީއެވެ..

ހިތްހެޔޮ އިންސާނާ އެހެން އިންސާނުންނާއި ތަފާތުވަނީ ސަބަބުތަކެއް ހުރީމައެވެ. އެހެން މީހުންނާއި ހިލާފަށް އެމީހުން ތިބާގެ އުނި ސިފަތައް ހޯދުމަށް މަސައްކަތެއް ނުކުރާނެއެވެ. ބަދަލުގައި މަސައްކަތް ކުރާނީ އަދި ސަމާލުކަން ދޭނީވެސް ތިބާގެ ރަނގަޅު ސިފަތަކުގެ މައްޗަށެވެ. އެފަދަ ސިފަތަކުގެ ތެރެއިން އޭނާ ހިތްއެދޭ މަދު ސިފަތަކެއް އަނެކާގެ ކިބައިގައި ހުރުމުން ވެސް އެފަދަ މީހުނަށް ފުދޭނެއެވެ. ގޯސް ސިފަތަކެއް ހުންނަ ބައެއް މީހުންގެ ހެޔޮލަފާ ބައިވެރިންނާއި، ރަނގަޅު ވަފާތެރި އެކުވެރިން ތިބޭކަމީ މިދެންނެވި ބަހުގެ ހެއްކަކަށް ފުދޭނެއެވެ.
ހިތްހެޔޮ އެކުވެރިއަކު ނުވަތަ ބައިވެރިއަކު ތިބާއާ ދުރުވެއްޖެ ނަމަ ދަންނައެވެ. އެކަމަކީ އެ މީހަކަށްވެސް މާކަ ފަސޭހަ ކަމަކަށް ނުވާނެއެވެ. ތިބާ ފަދައިން އެ މީހަކުވެސް އެކަމުގެ ހިތްދަތިކަން ތަަހައްމަލު ކުރާނެކަން ގައިމެވެ. ތިބާއާ ވަކިވުމުގެ ފަޅުކަން އޭނާގެ ހަޔާތުންވެސް އިހުސާސް ކުރެވޭނެއެވެ. ތިބާގެ ހަނދާންތައް އޭނާގެ ފިކުރުތަކައި އެކުއެކީގައި ވެސް ވާނެއެވެ. އެހެނީ ވަކިނުވެ އުމުރަށް އެކުގައި އުޅުމަށް އެހިތުންވެސް އުންމީދު ކުރީތީއެވެ
އެހެންކަމުން ހިތްހެޔޮ އެކުވެރިއަކު ނުވަތަ ބައިވެރިއަކު ތިބާ ދޫކޮށް ހިނގައްޖެ ނަމަ ނުވަތަ ތިބާއާ އޮންނަ ގުޅުމަށް އޭނާ ސަމާލުކަން ދޭ މިންވަރު ކުޑަވެއްޖެ ނަމަ ދަންނާށެވެ. އެއީ، ހަގީގަތުގައި އެމީހަކު ދުރުވީކީ ނޫނެވެ. އެކަމަކު ތިބާގެ ފަރުވާކުޑަ ކަމުގެ ސަބަބުން ނުވަތަ ސަމާލުކަން ނުދެވުމުގެ ސަބަބުން އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ. ތިދެމީހުންގެ ގުޅުމުން މަންފާއެއް ނެތްކަމުގައި އޭނާއަށް ވިސްނި އިންތިހާއަށް ފޫހިވީއެވެ. ތިބާގެ ޢަމަލުތައް، އޭނާ ކޮއްޕައި ތިބާގެ ހަޔާތުން ބޭރުކޮށްލީއެވެ. ދުރުވީކީ ނޫނެވެ. ދުރުކޮށްލީއެވެ.