ގޯލްޑެން ފުޓްސަލް ޗެލެންޖް: ޒޯން ބުރުގައި ގަމާއި އިސްދުއަށް ރަނގަޅު ފެށުމެއް

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހައެއްގައި ގަމާއި އިސްދޫން ކުޅުނު މެޗު ކާމިޔާބުކޮށް، ޒޯން ބުރުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ގަމުން ރޭ ތ.އަތޮޅުގެ ޗެމްޕިއަން ތިމަރަފުށިގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ލ.އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިސްދޫން، ހިރިލަންދޫ ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރުގެ ޒޯން ޗެމްޕިއަންކަން ގަމުން ހޯދީ ފައިނަލުގައި ތިމަރަފުށި ބަލިކުރުމަށްފަހުއެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ދެވަނަ ހާފުގައި ގަން މޮޅުކޮށްދިނީ އަހުމަދު އަޖުވަދު (އަޖޭ) އެވެ.
މި މެޗުގައި ތިމަރަފުށިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ގަމު ޓީމުގެ ކީޕަރު، މުހައްމަދު ލުފްސާން (ޕަފް) ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، ތިމަރަފުށި ކުޅުންތެރިންގެ ހަމަލާތައް ދިފާއުކޮށްފައެވެ. މިއާއެކު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ޕަފް އެވެ.

އިސްދުއާއި ހިރިލަންދޫ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި އަހުމަދު އަފްސަމް އާއި ހުސައިން އަފްހާން ޖެހި ލަނޑާއެކު އިސްދޫން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފުގައި ލޫތު އަހުމަދު ފަތުހީ ވަނީ އިސްދުއަށް ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކުރީ، މެޗުގެ މޮޅު ކުޅުންތެރިޔާ، އަލީ ހުމޭޒު އެވެ. މި މެޗުގައި ހިރިލަންދޫގެ ލަނޑުތައް ކާމިޔާބުކުރީ މުހައްމަދު ޝަމްހާން. މުހައްމަދު ނިޝާހު އަދި އަހުމަދު މުފީދު އެވެ.
ޒޯން ބުރުގައި ކުރިޔަށް އޮތީ ގަމާއި އިސްދޫ ބައްދަލުކުރާ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 23:00 ގައެވެ.