އިހުތިޖާޖު ވަރުގަދަވެ މާންދޫ ހުއްޓުމަކަށް

އިއްޔެ ހެދުުުުނު 8.30 އިން ފެށިގެން ލ. މާންދޫގައި ހައްދުންމައްޗާއި ކޮޅުމަޑުލުގެ މަސްވެރިން ކުރަމުން ގެންދާ އިހުތިޖާޖާ މަސްވެރިންގެ އާއިލާތަކުން ގުޅި، އިހުތިޖާޖު އިތުރަށް ވަރުގަދަވެ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން މެދުކަނޑާލައިފިއެވެ.

މަސްވެރިން ހާމަކޮށްފައިވާ ގޮތުން، ސަރުކާރު ހިންގާ ކޯލިޝަންއަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ އާއިލާގެ މަސްލަޙަތު އޮންނަ މާންދޫ މަސް ކުންފުނި ހިންގާ ހޮރައިޒަން ފިޝަރީޒް ކުންފުނިން ވަނީ މަސްވެރިންނަށް 21 މިލިޔަން ރުފިޔާއަށް ދަރާފައިކަމަށް މަސްވެރިން ބުނެއެވެ.

އިއްޔެ ފެށި 300 މަސްވެރިން ބައިވެރިވާ އިހުތިޖާޖުގެ ބައިވެރިން ދޯނިތަކުގައި ދަތުރުކޮށް މާންދުއަށް ފޭބީއެވެ. ފުރަތަމަ އެމީހުން އަޑުއުފުލައި ޝުޢޫރުފާޅުކޮށްފައި ވަނީ މާންދޫ މަސް ކިރާ ބަނދަރުމަތީގައެވެ. ނަމަވެސް ފަހުން މާންދޫ އިދާރީ އޮފީހާ ދިމާއަށް އެމީހުން ދިޔައެވެ. އަދި ފުލުހުންވަނީ އޮފީހަށް ވަނަ ނުދީ ބައިވެރިން ކޮންޓްރޯލްކޮށްފައެވެ. މިއަދު އިހުތިޖާޖުގެ ބައިވެރިން ހޫނުވެފައިވަނީ އެމީހުންގެ ޑިމާންޑްތައް މާންދޫ މެނޭޖްމަންޓުން އަޑު ނޭހުމުންނެވެ.

މިއަދު މެންދުރެއް ހާއިރު އަތޮޅު ކައުންސިލުގެ ރައީސް ވަނީ މާންދުއަށް ވަޑައިގެންފައެވެ. އަދި އިހުތިޖާޖުގެ ބައިވެރިންގެ އަޑު އައްސަވައި، މެނޭޖްމަންޓާ އެކު ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ. ބައްދަލުވުންތަކަށް ފަހު ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށް ރަސްމީކޮށް މަސްވެރިންގެ ޑިމާންޑްތައް ފޮނުއްވެވިކަމަށް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނަމަވެސް މަސްވެރިން ކުރާ 10 ޑިމާންޑްގެ ތެރެއިން ފުރަތަމަ ޑިމާންޑްކަމުގައިވާ ކިރުވި މަހަށް ދޭންޖެހޭ ފައިސާ ހަވާލުނުކުރަނީސް އިހުތިޖާޖު ނުހުއްޓާނެކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

މިއަދު ހަވީރު އިހުތިޖާޖުގެ ބައިވެރިންނަށް ހިތްވަރުދިނުމަށް މަސްވެރިންގެ އަނބިދަރިންވެސް ވަނީ ލާމު ލިންކު ރޯޑަށް ހުންނަ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ގޭޓު ދޮށަށް ޖަމާވެ ޝުޢޫރުފާޅުކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން ފަހަތަށް ޖައްސާފައެވެ. މަސްވެރިންގެ އަނބިން މުޒާހަރާއަށް ދިޔައީ، އެއްގަމު މަގުން، ލ. ގަމުންނެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments