ގަމުގައި ސްޕޯޓްސް ފިޝިންގ ޓޫރިސްޓުންނަށް ހާއްސަ ގެސްޓްހައުސް އެއް ތަރައްގީކުރަނީ

ހައްދުންމަތީ ގަމުގައި ސްޕޯޓްސް ފިޝިންގ ޓޫރިސްޓުންނަށް ހާއްސަ ގެސްޓްހައުސް އެއް ތަރައްގީކޮށް ހިންގުމަށް ގަމު ކައުންސިލާއި އޯޓެކްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހަވީރު ކައްދޫ ކިނބި ލޯންޖުގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައި ގަމު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަހުމަދު ޒަކީ އެވެ. އަދި އޯޓެކްސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަރީފެވެ.

ގަމު ކައުންސިލުން ވަނީ ރަށުގައި ހިމެނޭ ޓުއަރިޒަމް ބިން ކުއްޔަށް ދިނުމަށް އިއުލާނުކޮށްފައެވެ. އޯޓެކްސް އިން ބިޑު ކާމިޔާބުކުރީ، ކުރިމަތިލި އިތުރު ފަރާތްތަކާ ވާދަކޮށް، އެންމެ މަތިން ޕޮއިންޓު ހޯދައިގެނެވެ. މި ބިމުގެ ބޮޑު މިނަކީ 10000 އަކަފޫޓެވެ. އަދި އޯޓެކްސްއަށް މި ބިން ކުއްޔަށް ދީފައިވަނީ 35 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އޯޓެކްސްގެ ފަރާތުން ތަރައްގީ ކުރުމަށް ނިންމާފައިވަނީ ސްޕޯޓްސް ފިޝިންގ ޓުއަރިޒަމަށް ހާއްސަ، ލަގްޒަރީ ގެސްޓްހައުސް އެކެވެ. އޯޓެކްސް އިން މައުލޫމާތު ދެއްވި ގޮތުގައި، ސްޕޯޓްސް ފިޝިންގ ޓުއަރިޒަމަކީ ލ.އަތޮޅުގައި ކުރިއެރުވޭނެ ބާވަތެކެވެ. އަދި ބިން ހަވާލުކުރާތާ އެއް ހަފުތާ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި މުހިންމު މަޝްރޫޢުގެ ސަބަބުން، ގަމުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މީގެއިތުރުން، މި މަޝްރޫޢަކީ ރަށުގެ އިޤްތިޞާދަށް ފާހަގަ ކުރެވޭ ފަދަ ކުރިއެރުމެއް ގެނެސްދޭނެ ވަޞީލަތަކަށް ވެގެންދާނެއެވެ. މި ތަރައްޤީގެ މަޝްރޫޢުގެ ސަބަބުން ގަމުގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ގަމު ކައުންސިލުން ވަނީ މީގެކުރިންވެސް ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބިން ކުއްޔަށް ދީފައެވެ. އޭގެތެރޭގައި ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޔޯމަން އޭޖެންސީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ފެޑޯ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިން ބިންތައް ފާހަގަކޮށްލެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments