ގޯލްޑެން ފުޓްސަލް ޗެލެންޖް: ފަހުވަގުތު އައްމަޑޭ ޖެހި ލަނޑާއެކު އިސްދޫ ބަލިކޮށް ގަން ޒޯން ފައިނަލަށް

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގައި ފަހުވަގުތު އަހުމަދު ހަލީމް (އައްމަޑޭ) ޖެހި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން އިސްދޫ ބަލިކޮށް، ގަން ޒޯން ހައެއްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަމުން ވަނީ މި ޒޯންގެ ފުރަތަމަ މެޗުގައި ތ.އަތޮޅުގެ ޗެމްޕިއަން ތިމަރަފުށި ބަލިކޮށްފައެވެ. އަދި އިސްދޫން ވަނީ ތ.އަތޮޅުގެ ރަނަރަޕް، ހިރިލަންދޫ ބަލިކޮށްފައެވެ. މިއާއެކު، މެޗު ކާމިޔާބު ކުރާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ. ރޭ ގަމުން ވަނީ އިސްދޫގެ މައްޗަށް ކުރި ހޯދައި، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މިއާއެކު، ގަމަށް ވަނީ މުބާރާތުގެ ގަދަ 16 ބުރުންވެސް ފުރުސަތު ލިބިފައެވެ.

ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ގަމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، މެޗުގެ ފުރަތަމަ މިނެޓުގައި އަބްދުﷲ ޖުނެއިދު (ޖޭންނެ) ވަނީ ލަނޑެއް ޖަހައި ގަމަށް ކުރިހޯދަދީފައެވެ.

އިސްދޫން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ގަމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ކެޕްޓަން، އައްމަޑޭ އެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އިސްދޫ ޓީމުގެ ކެޕްޓަން، އަލީ މީސާގް އީސާ (މީއްޓެ) ވަނީ ލަނޑެއް ޖަހައި، އިސްދުއަށް އުއްމީދު އައުކޮށްދީފައެވެ. އަދި ހާފުގެ ފަހު މިނެޓުގައި އިސްދުއަށް ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށް، އިސްދޫން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ގޯލުގެ އަރިމަތިން ލިބުނު ހިލޭ ޖެހުމެއް އަލީ ހުމޭޒު ފޮނުވާލި އިރު، ގޯލުގެ ތެރެއަށް ބޯޅަ ވަނީ ޖޭންނެގެ ފައިގައި ޖެހިފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުންވެސް ވަނީ ލަނޑެއް ޖަހައި ލީޑު ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ހާފު ނިމެން ގާތް ވެފައިވަނިކޮށް ގަމަށް ވަނީ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. އިސްދޫ ޓީމުގެ ފަސް ފައުލް ހަމަވެ، ހަވަނަ ފައުލާއެކު ގަމަށް ވަނީ ދުރު ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް، އައްމަޑޭ ފޮނުވާލި ޕެނަލްޓީ، އިސްދޫ ޓީމުގެ ކީޕަރު، ވިސާމް އަބްދުﷲ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ގަން މޮޅުކޮށްދިނީ އައްމަޑޭ އެވެ. އިސްދޫ ޓީމުގެ ހާފުގެ މެދު ތެރެއިން އައްމަޑޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އައްމަޑޭގެ ލަނޑާއެކު މެޗުގެ ފަހު ކަށިގަނޑު ވަނީ ފުމެލާފައެވެ. މިއާއެކު، މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް އައްމަޑޭ އެވެ.

ގަމުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު، ދެވަނަ ޖާގަ ކަށަވަރުވާނީ މާދަމާ ރޭ އިސްދުއާއި ތިމަރަފުށި ބައްދަލުކުރާ މެޗަށްފަހުއެވެ. ފައިނަލަށް ދަތުރުކުރުމުގެ ގޮތުން، އިސްދުއަށް މި މެޗުން މޮޅުވުން މަޖުބޫރުވާނެއެވެ. ގުރޫޕުގެ ފަހު މެޗުގައި ގަން ނިކުންނާނީ ހިރިލަންދުއާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments