15،000 އަށް ވުރެ ބޮޑު މުސާރައަކަށް ފުލުހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

15،000 އަށް ވުރެ ބޮޑު މުސާރައަކަށް ދިވެހި ފުލުހުންގެ ހިދުމަތަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ގެޒެޓްކޮށްފައިވާ އިއުލާނުގައި ވަނީ 15،500 ރުފިޔާގެ މުސާރައަކަށް ކޮންސްޓަބްލްގެ މަގާމަށް މީހުން ހޯދުމަށް ހުޅުވާލާފައެވެ. ފުލުހުންގެ ގެޒެޓްކޮށްފައިވާ އިއުލާނުގައިވާގޮތުން ފުލުހުންގެ މި މަގާމަށް ކުރިމަތިލެވޭނީ އެސްއެސްސީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން ”ސީ“ ފާސް ލިބިފައިވުމާއެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 2 މާއްދާއިން ދަށްވެގެން ”ސީ“ ފާސް ހާސިލްކޮށްފައިވާނަމަ ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ހާސިލްކޮށްފައިވާނަމައެވެ.
މީގެއިތުރުން، ފުލުހުންގެ ވަޒީފާއަށް ކުރިމަތިލަނީ ފިރިހެނަކު ނަމަ، އިސްކޮޅުން ފަސް ފޫޓް ތިން އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން ފަސް ފޫޓް ހަމަވާންޖެހޭނެ ކަމަށް ފުލުހުންގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އެ އިއުލާނުގައިވާ އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދު ފަރާތެއް ކަމުގައިވުން އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ރެކްރޫޓްކުރެވޭ ފުލުހުންގެ އާންމު ޝަރުތު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވުމެވެ.
ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަށްދޭ އެޕްޓިޓިއުޑް ޓެސްޓުން ފާސްވާން ޖެހެއެވެ. އަދި ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަންގައި ކުރާ އިންޓަވިއު އާއި ބެކްރައުންޑް އެސެސްމަންޓް އިން ފާސްވާން ޖެހެއެވެ.
ފުލުހުން އިއުލާނުކޮށްފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއެކު މި މަހުގެ 20 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުމަށް ފުލުހުންގެ ހިދުމަތުން ވަނީ އެދިފައެވެ. މަގާމަށް އެދި ހުށަހަޅާ ފޯމްތައް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން 16:00 އަށް ބަލައިގަންނާނެއެވެ.