ގަމު އަންހެނުންގެ ކޮމިޓީގެ ބައި- އިލެކްޝަންގެ ގޮނޑި ޕީއެންސީ ކެނޑިޑޭޓް އަފްރާއަށް!

ލ.ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި- އިލެކްޝަންގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީގެ ކެނޑިޑޭޓު އާމިނަތު އަފްރާހް (އަފްރާ) ކާމިޔާބުކޮށްފިއެވެ.
ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އަފްރާ ކާމިޔާބުކޮށްފައިވާއިރު، އޭނާއާ ވާދަކޮށްފައިވަނީ އިދިކޮޅުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީއިން އައިޝަތު އަލީއެވެ. އެގޮތުން، ވަގުތީ ނަތީޖާއަށް ބަލާއިރު އަފްރާ ގޮނޑި ކާމިޔާބުކޮށްފައިވަނީ 831 ވޯޓުންނެވެ. އިދިކޮޅު ކެނޑިޑޭޓަށް ލިބުނީ 646 ވޯޓެވެ. މިއީ ގަމު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނަށް އިލެކްޝަންސް ކޮމިޝަންސް އިން ބެހެއްޓި ހަތަރު ފޮށިން ލިބިފައިވާ ވަގުތީ ނަތީޖާއެވެ.
މިއަދު ކުރިއަށްގެންގޮސްފައިވަނީ 2 ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި، 10 ރަށެއްގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންއެވެ.
ފާހަގަކޮށްލެވޭގޮތުގައި، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގެ 12 ގޮނޑީގެ ތެރެއިން 8 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އިދިކޮޅ އެމްޑީޕީއަށް 2 ގޮނޑި ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް 2 ގޮނޑި ވަނީ ހޯދާފައެވެ.