ގޯލްޑެން ފުޓްސަލް ޗެލެންޖް: ގަދަ ހިތްވަރާއެކު ކުޅުނު އިސްދުއަށް މުބާރާތް ނިމިއްޖެ

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިއަހަރު އެންމެ ތަފާތު ކުޅުމެއް ދައްކަމުންދާ އެއް ޓީމު ކަމަށްވާ ލ.އިސްދޫ މުބާރާތުން ކަޓައިފިއެވެ.

މިއަހަރު މޮޅު ކުޅުމެއް ދައްކާފައިވާ އިސްދޫން ވަނީ، ގަން ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދާފައެވެ. މިއަހަރުގެ މުބާރާތުގެ ޒޯން ބުރުން އިސްދޫ ކެޓީ ރޭ ތ.އަތޮޅުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ތިމަރަފުށި ކައިރިން 4-4 ގެ ނަތީޖާއަކުން އެއްވަރު ވުމުންނެވެ. އިސްދޫން ޒޯނުގެ ފުރަތަމަ މެޗުގައި ހިރިލަންދޫ އަތުން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ގަން އަތުން ވަނީ ބަލިވެފައެވެ.

ހަ ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައި ޒޯން ހައެއްގެ ފައިނަލަށް ދަތުރުކުރީ ގަމެވެ. އަދި ހަތަރު ޕޮއިންޓާއެކު ދެވަނަ ހޯދީ ތިމަރަފުށްޓެވެ. ތިމަރަފުށިން އިސްދޫގެ މައްޗަށް ކުރިހޯދީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ހުސައިން އަފްހާން (އަފޭ) ވަނީ ލަނޑެއް ޖަހައި އިސްދުއަށް ކުރިހޯދަދީފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް، އޭގެ ކުޑަ އިރުކޮޅެއް ފަހުން އިސްމާއިލް މުނީޒް ވަނީ ތިމަރަފުށްޓަށް ފަރަގު ކުޑަކޮށްދީފައެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މުހައްމަދު ތޯހިރު ތިމަރަފުށްޓަށް ނަތީޖާ ހަމަހަމަ ކޮށްދީފައިވާއިރު، އިތުރު ވަގުތުގައި އަހުމަދު އަފްސަމް ވަނީ ލަނޑު ޖަހައި އަނެއްކާވެސް އިސްދުއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގައި އާދަމް ނާސިހު (އާދަންނަ) އާއި ތޯހިރު ޖެހި ލަނޑާއެކު ތުމަރަފުށިން ވަނީ ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. އިސްދޫން ނަތީޖާ އެއްވަރު ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ އަލީ ހުމޭޒު އެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން އެ ޓީމަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިސްދޫ ޓީމުގެ އަފޭ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments