ފެބްރުއަރީ 20 ގެ ކުރިން ރޯދަ އިނާޔަތް ދިނުމަށް އަންގައިފި

މި ފެށޭ ރަމަޟާން މަހުގެ އިނާޔަތް މި މަހުގެ 20 ގެ ކުރިން ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އަންގައިފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ސަރކިއުލަރ ގައި ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ ދޭންޖެހޭނެ ކަމަށެވެ. އެގޮތުން މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީގާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާ ކުރާ އޮފީހުން ކަމަށް އެ ސަރކިއުލާގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ރަމަޟާން މަސް ފެށޭއިރު ”ޕޭ ލީވް“ އާއި ”ނޯ ޕޭ ލީވް“ ގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާއަތް ނުލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް، އެފަދަ ލީވްއެއްގައި ހުރި މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ވަޒީފާއަށް ނިކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދު ބެލުމަށްފަހު، އެ ނިސްބަތުން އިނާއަތުގެ ފައިސާ ދޭންޖެހޭނެ ކަމަށް މިނިސްޓްރީން ނެރުނު ސަރކިއުލާގައި ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަރކިއުލާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށް، ނެރެފައިވާ ސަރކިއުލާއެކެވެ. ސަރުކާރުން ކޮންމެ އަހަރަކުވެސް ވަޒީފާއަދާ ކުރާ ހުރިހާ މުވައްޒަފުންނަށް ރޯދަ އިނާއަތް ދެއެވެ.