އުމްރާވެރިންގެ ކާޑުގެ ޑޮލަރު ލިމިޓް އިތުރުކުރަނީ

މި ފެށޭ ރަމަޟާންމަހު އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތް ހަމަޖެއްސުމަށްޓަކައި، ކޮންމެ އުމްރާވެރިއަކަށް ބޭންކު ރޭޓުގައި 1500 ޑޮލަރު ދޫކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިފަހަރު ރަމަޟާން މަހުގެ އުމްރާވެރިންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭ އަށް މިއަދު ދަންނަވައިފައިވާ ކަމަށެވެ. ސަރުކާރުން ދަނީ ބޭރު ފައިސާގެ ދަތިކަމަށް ޙައްލު ގެނައުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ގިނަ ޢަދަދެއްގެ ދިވެހީން އުމްރާގެ އަޅުކަން އަދާކުރުމަށް ދެއެވެ.