ޑިޕްރެޝަނަކީ ހަމަ އަސްލުވެސް ބައްޔެއް!

”ޑިޕްރެޝަން“ މި ބައްޔާއި ގުޅޭގޮތުން ތަފާތު ވާހަކަ ދެކެވެއެވެ. ޑިޕްރެޝަނަކީ ނަފްސާނީ ބައްޔެކެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި ޑިޕްރެޝަނަކީ އީމާންތެރިކަން ކުޑަކަމުން ދިމާވަ ކަމެކެވެ. ޑިޕްރެޝަނަކީ ރާއްޖޭގައިވެސް އެތަކެއް ބަޔަކު ތަހައްމަލު ކުރަމުންދާ ކަމަކަށްވާއިރު، ހިތާމައަކީ މި ބައްޔާއި މެދު އަހުލުވެރިވާންޖެހޭ މިންވަރަށް އަދިވެސް އަހުލުވެރިވެފައި ނުވުމެވެ.

ޑިޕްރެޝަން ބަލި ތަހައްމަލު ކުރަމުންދާ މީހާ އަބަދު ހުންނާނީ މާޔޫސްވެފައެވެ. ދިރިއުޅުމުގައި ކުރިއަށްދާނެ ހިތްވަރު ނެތި، ދިރިއުޅުން މަތިން ފޫހިވެއެވެ. އަބަދު އެންމެ ގަޔާވެގެން ކުރާ ކަންކަން މަތިން ފޫހިވެއެވެ. މީހުނާއި ކުރިމަތިލާން ފޫހިވެ، އާދަޔާ ޚިލާފަށް ރުޅިގަދަވެއެވެ. ދިރިއުޅުމާއި މެދު އިންތިހާއަށް ކަންބޮނޑުވެ، އަބަދު ހިތާމަކުރާނެއެވެ. މީހުންނާއި ވާހަކަ ދައްކަން ފޫހިވެ، ނިދުމަށް ވެސް ދަތިވެއެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ، ހަދާނެ ގޮތް ހުސްވެއެވެ. ކުދި ކުދި ކަންކަމާއި މާ އަވަހަށް ދެރަވެ، ދެރަވާ ކޮންމެ ވަގުތެއްގައި މަރުވުން ނުވަތަ އަމިއްލަ ނަފްސަށް އަނިޔާއެއް ދިނުމަށް ހިތަށް އަރާނެއެވެ. މިނޫނަސް ޑިޕްރެޝަން ބަލި ތަހައްމަލު ކުރަމުންދާ މީހެއްގެ ކިބައިން ހައިރާންކުރިވަނިވި އެތަކެއް އަލާމާތެއް ފެނެއެވެ.

ޑިޕްރެޝަނަކީ ސަމާސާ އެއް ނުވަތަ ޖޯކެއް ވެސް ނޫނެވެ. މިއީ އަހަރެމެންގެ މުޖުތަމައުގެ ތެރެއިން ގިނަ ބަޔަކު ތަހައްމަލްކުރަމުންދާ ވޭނީ ބައްޔެކެވެ. ނަމަވެސް، ޑިޕްރެޝަން ބަލި ހުންނަ މީހާއަށް އަހަރެމެންނަށް އަޅާލެވެނީ ކިހާވަރަކަށް ހެއްޔެވެ؟ އޭނާގެ އުދާސްތައް އަޑުއަހާލަން ވަގުތު ދެވޭބާއެވެ. ގިނަ ފަހަރަށް އޭނާގެ ސިކުނޑީގެ އުދާސްތަކަށް އަހަރެމެންނަށް ދެވެނީ ބީރު ކަންފަތެކެވެ. ބައެއްފަހަރު ކައިރީގައި ހީ ސަކަރާތްޖަހާ އުޅޭ މީހާއަކީވެސް ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައި ހުރި މީހަކަށް ވެދާނެއެވެ. އެހެންކަމުން، ކައިރީގައި އަދި ދުރުގައިވިއަސް ތިބާގެ މީހުންގެ ހާލު ބެލުން މުހިއްމެވެ.

ޑިޕްރެޝަން ބަލި ތަހައްމަލު ކުރަމުންދާ މީހާ ދައްކާ ވާހަކަތަކަކީ އެހާ ހިތްހަމަޖެހޭ ނުވަތަ އެހާ ޝައުގުވެރިވާ ވާހަކައަކަށްވެސް ނުވެދާނެއެވެ. ނަމަވެސް، އޭނާ ދައްކާ ވާހަކަތައް އަޑުއަހައި، ހިތްވަރު ދިނުން މުހިއްމެވެ. އޭނާއަށް އެކަނިވެރިކަން އިހުސާސް ކޮށް ނުދީ އަޅާލުމާއި އެހީތެރިކަން އޭނާ އަށް ބޭނުންވެއެވެ.

ޑިޕްރެޝަނަކީ ނުރައްކާތެރި ބައްޔެއް ކަން ސާބިތުވަނީ، މި ބަލީގައި އެތަކެއް ބައެއް ދުނިޔެ ދޫކޮށްފައި ހުރުމެވެ. މި ބަލިން ސަލާމަތްވުމަށްޓަކައި ސިއްހީ މާހިރެއްގެ ލަފާ ހޯދިދާނެއެވެ. މި ބަލިން ލިބިދޭ މާޔޫސްކަމުން ސަލާމަތްވުމަށްޓަކައި، ދީނީ ކަންކަމަށް ފަރުވާތެރިވުން މުހިއްމެވެ.  ނަމާދަށް ފަރުވާތެރިވުމާއި ކީރިތި ޤުރުއާނަކީ ކޮންމެ ބައްޔެކަށް ވެސް އޮތް އެންމެ ރަނގަޅު ޝިފާއެވެ.

ޑިޕްރެޝަން ބަލި ތަހައްމަލު ކުރަމުންދާއިރު އެކަހެރިވެގެން މީހުން ތެރެއަށް ނިކުމެ ނޫޅުމަކީ ހައްތަހާ ބަލި ބޮޑުވުމަށް މަގުފަހިވާނޭ ކަމެކެވެ. އޭގެ ބަދަލުގައި ތިމާ ކޮންމެވެސް ކަމެއްގައި މަސްއޫލުވެ އުޅުމަކީ ބޭކާރު ޚިޔާލުތަކުން ސަލާމަތްވާނޭ ކަމެކެވެ. ރަހުމަތްތެރިންނާއި އާއިލާ މެންބަރުންނާއެކު ވަގުތު ހޭދަކުރެވިދާނެއެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ކޮންމެ 5 މީހުންގެ ތެރެއިން އެކަކީ އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޑިޕްރެޝަން ތަހައްމަލުކޮށްފައިވާ މީހެކެވެ. އެކި މީހުން މި ބައްޔާއި ކުރިމަތިލަނީ އެކި ސަބަބުތަކާއި ހުރެ، އެކި މިންވަރަށެވެ. މި ބަލި އެންމެ ނުރައްކާވާ ހިސާބަކީ އަމިއްލަ ނަފްސަށް އަނިޔާ ދިނުމާއި އަމިއްލައަށް މަރުވާން ޚިޔާރުކުރާ ހިސާބަށް ދިޔައިމައެވެ. ޑަބްލިއުއެޗްއޯ އިން ހެދި ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި، ކޮންމެ އަހަރަކު 720،000 އަށް ވުރެ ގިނަ މީހުން އަމިއްލައަކަށް މަރުވެއެވެ. މީގެތެރޭގައިވެސް އެންމެ ގިނައީ 15 އަހަރާއި 29 އަހަރުގެ ޒުވާނުންނެވެ. ރާއްޖޭގައި ވެސް އަމިއްލައަކަށް މަރުވާ މީހުން އިންތިހާއަށް ގިނަވުމަކީ ކަންބޮޑުވެ ބިރުގަންނަން ޖެހޭ ކަމެކެވެ.

ޑިޕްރެޝަނާއި ކުރިމަތިލާ، އެކަމަށް ފަރުވާ ހޯދައި މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ  މުޖުތަމައުގެ މީހުންގެ ވިސްނުމެވެ. ޑިޕްރެޝަނަކީ އެހެން ބަލިތަކެކޭ އެއްފަދައިން ބައްޔެއްކަން ގަބޫލުކުރަންޖެހެއެވެ. ނަފްސާނީ ބަލިތަކަކީ އެހެނިހެން ބަލިތައް ފަދަ ބައްޔެއްކަން ބަލައިނުގަނެ، ނަފްސާނީ ބަލި ހުންނަ މީހަކަށް އެގޮތަށް ވެފައި ވަނީ ވަކި ސަބަބެއްގެ ސަބަބުން ކަމަށް ބުނެ ވާހަކަ ދެއްކުމަކީ އަހަރެމެންޖެ މުޖުތަމައުގެ ތެރޭގައި އަދިވެސް އޮންނަ ކަމެކެވެ. މިސަބަބާއި ހުރެ ގިނަ މީހުން ޑިޕްރެޝަނަށް ފޯރުވާ ހޯދުމަށް ފަސްޖެހެއެވެ.

ތިމާގެ އާއިލާ މެންބަރަކު ނުވަތަ ރައްޓެއްސަކީވެސް ޑިޕްރެޝަންގެ ވޭން ތަހައްމަލު ކުރަމުންދާ މީހަކަށް ވެދާނެއެވެ. އެފަދަ އަލާމާތެއް ފެނިއްޖެނަމަ ތިމާއަށް ވެވޭ ވަރަކުން އެހީވާށެވެ. އެހީވާންޖެހޭ ވަގުތު އަޅާނުލެވި ދޫކޮށްލެވިފައި ހުރުމުން، އެތަކެއް ބައެއް ޑިޕްރެޝަންގެ ޝިކާރައަކަށްވެގެންދެއެވެ.

ޑިޕްރެޝަނަކީ ހަމަ އަސްލުގައިވެސް ބައްޔެކެވެ. އެއީ ހަމައެކަނި އީމާންތެރިކަން ކުޑަވެގެން ޖެހޭ ބައްޔެއް ނޫނެވެ. ގިނަ ފަހަރަށް ދިރިއުޅުމުގައި ދިމާވާ ބޮޑު، ހިތާމަވެރި ހާދިސާއަކާއި ގުޅިގެން ޑިޕްރެޝަނަށް މަގުފަހިވެއެވެ. ލަސްނުކޮށް ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments