އިސްދޫގެ ރައްޔިތުންގެ ބައްދަލުވުން މި މަހު 24 ގައި ބާއްވަނީ

ލ.އިސްދޫގެ ރައްޔިތުންގެ ބައްދަލުވުން މި މަހު 24 ގައި ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
އިސްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 107 ވަނަ މާއްދާގައިވާގޮތުގެ މަތިން ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން މިމަހު 24 ވަނަ ދުވަހުގެ ރޭ 20:30 ގައި އޮންނާނެ ކަމަށެވެ. އެގޮތުން، މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްދޫ ކައުންސިލް އިދާރާގެ ޖަލްސަކުރާ މާލަމުގައެވެ.
މި ބައްދަލުވުމުގައި އިސްދޫ ކައުންސިލްގެ ރައީސް އެރަށުގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މިދިޔަ އަހަރު ރަށުގައި ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓްވެސް ރައްޔިތުންނާއި ޚިއްސާކުރާނެއެވެ. ހަމަމިއާއެކު، ރައްޔިތުންފެ ޚިޔާލާއި، ސުވާލު ހުށެހެޅުމާއި ޖަވާބުދާރީވުންވެސް މި ބައްދަލުވުމުގައި ކުރިއަށްގެންދިއުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފައެވެ.
އިސްދޫ ކައުންސިލުން ވަނީ މިދިޔަ އަހަރު ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް އަދި މިދިޔަ އަހަރުގެ މާލީ ބަޔާން ވެސް އާންމުކޮށްފައެވެ. އެރަށު ކައުންސިލުން ވަނީ އެރަށުގެ ހުރިހާ ރައްޔިތުންވެސް ރައްޔިތުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު އަރުއްވާފައެވެ.