އިސްދޫގެ އިސްފަންނު ބީޗް ބޭނުންކުރާނޭ ގޮތުގެ އުސޫލު އާންމުކޮށްފި

ހައްދުންމަތީ އިސްދޫ ކައުންސިލުން ތަރައްގީކޮށްފައިވާ ”އިސްފަންނު“ ބީޗް ބޭނުންކުރާނޭ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.
އިސްދޫ ކައުންސިލުން ގެޒެޓްގައި އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އިސްދޫ ކައުންސިލުން މި ބީޗް ތަރައްޤީ ކުރުމުގެ މައިގަނޑު މަޤުސަދަކީ އިސްދޫގެ ލޮބުވެތި އާއިލާތައް އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭނޭ ހިތްޤައިމު މާހައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ.
އިސްފަންނު ބީޗްގައި ހަމަޖެހިފައިވާ އިންތިޒާމްތައް:
މޫދަށް އެރުން
ފެންވެރުން
ކެއްކުން/މަސްފިހުން
ނަމާދުކުރުން
ކުޑަކުދިން ނިންދުން
ފާހާނާކުރުން
އެކިއެކި ކުޅިވަރުތައް ކުޅުން
އިށިންނާނެ ގޮޑި/ބެންޗް، ޖޯލި، އުނދޯލި
އިސްދޫ ކައުންސިލުން ގެޒެޓްކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އިސްފަންނު ބީޗަކީ ހައްދުންމަތީ އިސްދޫ ކައުންސިލުން ދިގު ރާސްތާގެ ޕްލޭނަކާއިއެކު ބޮޑު ޚަރަދެއް ކޮށްގެން ތަރައްޤީކުރާ ބީޗެއް ކަމުން މި ބީޗް ބޭނުން ކުރެވޭނީ މި އުޞޫލާ އެއްގޮތަށް އިސްދޫ ކައުންސިލުން ހުއްދަދޭ ފަރާތްތަކަށް އެކަނި ކަމަށެވެ.
އެގޮތުން ބީޗުގެ ގަޑިތައް ބެހިފައިވަނީ ތިން ދަންފަޅިއަކަށެވެ. އެއީ ހެނދުނު (06:00 ން މެންދުރު 12:00)، މެންދުރު ފަސް (13:00 ން އިރުއޮއްސި 19:00) އަދި ރޭގަނޑު (19:00-01:00) ށެވެ. މީގެ އިތުރުން ބީޗުން ލިބެންހުރި އެހެނިހެން ޙިދުމަތްތަކަށް އެ ފޯމުގައި (ޕެކޭޖް ފޯމް) ކަނޑައަޅަފައިވާ އަގެއް ދައްކަންޖެހޭނެއެވެ.
އިސްދޫ ކައުންސިލުން ވަނީ އިސްފަންނު ބީޗް ކުއްޔަށްދޫކުރާ އަގުތަކާއި ޕެކޭޖްފޯމްތަކު މައުލޫމާތުވެސް ގެޒެޓްގައި އާންމުކޮށްފައެވެ. އެރަށު ކައުންސިލުން ބުނީ އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާއެކު އުޞޫލާއި ހިލާފްވެގެން ނުވާނެ ކަމަށާއި އަދި އުޞޫލާއި ހިލާފުވާ ފަރާތްތަކާއިމެދު އުޞޫލާއި އެއްގޮތަށް ފިޔަވަޅު އެޅޭނެކަމަށެވެ.
ކައުންސިލްގެ އިދާރާއިން ދޫކުރާ ހުއްދަ/ފާސް ނެތި އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކުން އިސްފަންނު ބީޗް ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ފަރާތެއް ދެނެގަނެ، އެކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތައް 500 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.