ޕެނަލްޓީގައި އިނގުރައިދޫ ބަލިކޮށް ގަން ކުއާޓާއަށް

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގެ ގަދަ 16 ބުރުގައި ޕެނަލްޓީ ޖަހައިގެން 10-9 ގެ ނަތީޖާއަކުން ރ. އިނގުރައިދޫ ބަލިކޮށް، ލ. ގަން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަން ގަދަ 16 ބުރަށް ދަތުރުކޮށްފައިވަނީ ޒޯން ހައެއްގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ. އަދި އިނގުރައިދުއަކީ ޒޯން ދޭއްގެ ޗެމްޕިއަން ޓީމެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ލަނޑެއް ޖަހައި ގަމަށް ކުރިހޯދަދީފައެވެ. އޭގެފަހުން، ގަމުން ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ. އަދި ފުރަތަމަ ހާފުގައި ކީޕަރު މުހައްމަދު ލުފްސާން (ޕަފް) ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.
އިނގުރައިދޫން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ އަލީ ފާތިހު އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރު ވުމުން، ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ.
ޕެނަލްޓީ ޖެހިއިރު ގަމު ޓީމުގެ ގޯލު ބަލަހައްޓާފައިވަނީ އަހުމަދު ހުޝާމް (ގުންޒާލޯ) އެވެ. ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓުގައި ކޮންމެ ޓީމަކުން ވަނީ 11 ޕެނަލްޓީ ޖަހާފައެވެ. ގުންޒާލޯ ވަނީ އިނގުރައިދޫ ޓީމުގެ ތިން ޕެނަލްޓީ ހުއްޓުވައި، މެޗުން ގަން މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަމުގެ އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި އަންގާރަ ދުވަހުގެރޭ ގަން ނިކުންނާނީ ބ.އޭދަފުށްޓާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީވެސް ގަމާއި އޭދަފުށްޓެވެ.