ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލާމު ޕޮލިހަށް

ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލާމު ޕޮލިހުން ހޯދައިފިއެވެ.

މ.މުލީގައި މި މަހު 12 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދިޔަ މި މުބާރާތުގައި ބައިވެރިވެފައިވަނީ މ،ފ،ދ،ތ އަދި ލ. އަތޮޅު ޕޮލިހުންނެވެ. މި މުބާރާތުގައި ކުރިޔަށް ގެންގޮސްފައިވަނީ ހަމައެކަނި އަންހެން ޑިވިޝަނެވެ.

ލ. އަތޮޅު ޕޮލިހުން މި މުބާރާތް ކާމިޔާބުކުރީ ފުރިހަމަ ރެކޯޑަކާއެކުއެވެ. އެ ޓީމުން ވަނީ ލީގު ބުރުގައި ކުޅުނު ހުރިހައި މެޗެއް ކާމިޔާބުކޮށް، އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ސެމީ ފައިނަލުގައި ލ.އަތޮޅު ޕޮލިހުން ވަނީ ސީދާ ތިން ސެޓުން ދ.އަތޮޅު ޕޮލިސް ބަލިކޮށްފައެވެ. ލ.އަތޮޅު ޕޮލިހުން ސެޓުތައް ކާމިޔާބުކުރީ 25-20، 25-14 އަދި 25-14 އިންނެވެ. ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލ.އަތޮޅު ޕޮލިސްގެ ފާތިމަތު ތަސްނީމް އެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ލ.އަތޮޅު ޕޮލިހުން ވާދަކުރީ މ.އަތޮޅު ޕޮލިހުންނާއެވެ. ލ.އަތޮޅު ޕޮލިހުން މި މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު، 25-15 އިން ކާމިޔާބުކުރީ ލ.އަތޮޅު ޕޮލިހުންނެވެ. މ.އަތޮޅު ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ދެވަނަ ސެޓު 25-11 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް، ލ.ޕޮލިހުން ވަނީ ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އެ ޓީމުން ފަހު ދެ ސެޓު ކާމިޔާބުކުރީ 25-18 އަދި 25-12 އިންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ލ.އަތޮޅު ޕޮލިސްގެ ހައްވާ ފިއުރިން، ހަފްސާ އަބްދުﷲ އަދި ފާތިމަތު ތަސްނީމްގެ އިތުރުން މ.އަތޮޅު ޕޮލިސްގެ އާއިޝަތު ނަޝާތު އާއި އެ ޓީމުގެ ޖަވާޒާ މުހައްމަދު އަދި ދ.އަތޮޅު ޕޮލިސްގެ ސާލިމާ މުހައްމަދު އެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ލ.ޕޮލިސްގެ ފިއުރިން އެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ލ.އަތޮޅު ޕޮލިސްގެ ކޯޗު، އަލީ މައުރޫފް އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments