ތުނޑި ރަމަޟާން ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސޮސައިޓީ ފޯރ ތުނޑި އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) އިން އިންތިޒާމުކުރާ ”ތުނޑި ރަމަޟާން ކަޕް 1446“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ލ.އަތޮޅުގައި ބާއްވާ ފުޓްސަލް މުބާރާތް ތަކުގެ ތެރެއިން އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އެއް މުބާރާތެވެ. އެގޮތުން، މިއީ މި މުބާރާތް ބާއްވާ 16 ވަނަ ފަހަރެވެ.
ސްޓަރ ޖަމިއްޔާއިން އާއްމުކުރި ގޮތުގައި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހު 28 ވަނަ ދުވަހެވެ. މީގެއިތުރުން، އެ ޖަމިއްޔާއިން ވަނީ މުބާރާތް ސްޕޮންސަރ ކުރުމަށްވެސް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، މުބާރާތް ސްޕޯންސަރ ކުރުމަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީވެސް މި މަހުގެ 28 ވަނަ ދުވަހެވެ.
ސްޓަރ ޖަމިއްޔާގެ ރައީސް، ހުސައިން މަމްދޫހު ބުނި ގޮތުގައި މުބާރާތް ބޭއްވުމުގައި އެންމެ ބޮޑު ދަތިކަމަކީ ސްޕޯންސަރުން ނުލިބުމެވެ. މުބާރާތް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިއުމަށް ވީހާވެސް ގިނަ ފަރާތްތަކުން ސްޕޯންސަރ ދެއްވުމަށް މަމްދޫހު ވަނީ އެދިފައެވެ. މަމްދޫހު އިތުރަށް ބުނީ، ގިނަ ދަތިތަކާއެކުވެސް މި މުބާރާތް ބާއްވަނީ ރަށުގައި ތިބި ފުޓްސަލް އަށް ލޯބިކުރާ ޒުވާނުންގެ ހައްގުގައި ކަމަށެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާގެ އިނާމެއް ލިބޭނެއެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަނީ ބީންގ އެންކަރޭޖިންގ ސޮސައިޓީ ފޯރ ތުނޑި (ބެސްޓް) އެވެ.