ދިރާސީ އާ އަހަރު އޭޕްރީލް 7 ގައި ފެށުމަށް ނިންމައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ބަދަލު ގެނައުމަށްފަހު އެކަޑެމިކް ކަލަންޑަރު އާއްމުކޮށްފައެވެ. މިއީ ރާއްޖޭގެ ސްކޫލްތަކުގެ ދިރާސީ އަހަރު ފެށުމަށް އަނެއްކާވެސް ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމި ނިންމުމެކެވެ.

އާ ކަލަންޑަރުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. އަދި ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގައެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގައެވެ.

ކުރިން ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގައެވެ. ނަމަވެސް، 2021 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތައް ބަންދުވެ، ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ދިރާސީ އާ އަހަރު އޮގަސްޓު މަހަށް ބަދަލުކުރެވުނެވެ.

މި ބަދަލާއި ގުޅިގެން، ބޮޑު ޗުއްޓީ ޖޫން/ޖުލައި މަހަށް ބަދަލުވުމުން، އެއީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރަށް ވާތީ، ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރުމަށް ދަތިވާ ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދިޔައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގައި ގިނަ ބަޔަކު އެދުނު އެއް ކަމަކީ ދިރާސީ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމެވެ. އެހެންކަމުން، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ.

މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ހާމަކޮށްފައެވެ.

މި ބަދަލާއެކު، ދަރިވަރުންނާއި ބެލެނިވެރިންނަށް ފަހި ގޮތެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބި، ދިރާސީ އަހަރު ފެށުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments