އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތް: ފުރިހަމަ ރެކޯޑަކާއެކު ހަމަދު ސްކޫލުން ޗެމްޕިއަންކަން ހޯދައިފި

ޝީޝާ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން މާމެންދޫ ސްކޫލް ބަލިކޮށް، ހަމަދު ސްކޫލުން ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ހަމަދު ސްކޫލް ވަނީ ލާމު އަތޮޅު ތައުލީމީ މަރުކަޒު އަތުން ބަލިވެފައެވެ. ނަމަވެސް، މިއަހަރު ހަމަދު ސްކޫލުން ވަނީ ހުރިހައި މެޗަކުން މޮޅުވެ، ފުރިހަމަ ރެކޯޑަކާއެކު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ގަމު ޒޯން ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ނޫހު އިސްމާއިލް ވަނީ ލަނޑެއް ޖަހައި ހަމަދަށް ކުރިހޯދަދީފައެވެ. އޭގެފަހުން، މާމެންދޫ ޓީމުގެ އޭރިއާ ތެރެއިން ހަމަދުގެ އަނާން އިބްރާހިމް އަށް ކުރި ފައުލަކާ ގުޅިގެން ހަމަދަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، އަހުމަދު އަޒާފް އާރިފް ވަނީ ހަމަދަށް ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގައި މާމެންދޫން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ އަހުމަދު ހާޒިމް އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަމަދުގެ ނޫހު އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ މާމެންދޫ ސްކޫލްގެ މުހައްމަދު މާއިލް މޫސާ އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހަމަދުގެ މުހައްމަދު ރިފްދާން އަލީ ހޮވިފައިވާއިރު އެންމެ އުއްމީދީ ކުޅުންތެރިޔަކީ އެ ޓީމުގެ އަނާން އިބްރާހިމް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ހަމަދުގެ މުހައްމަދު އަރީފް އެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ކަލައިދޫ ސްކޫލެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހަމަދުގެ ރިފްދާން، ނޫހު، އަނާން، މުހައްމަދު މާކިން މައުމޫން، އަޒާފް، އިސްދޫ ސްކޫލްގެ އަހުމަދު އާނިސް، އިހައްދޫ ސްކޫލްގެ ތާއިއު އަބްދުލް ހަކީމް، މާމެންދޫ ސްކޫލްގެ މުހައްމަދު ނަމީހު، ލ.އަތޮޅު މަދަރުސާގެ އަބްދުﷲ ނައުހާން ނަސީމް އަދި ކަލައިދޫ ސްކޫލްގެ އަހުމަދު އަހުނަފް އެވެ.
މިއަހަރުގެ މުބާރާތުގައި ލ.އަރތޮޅުގެ ޖުމްލަ 11 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ.