ރަމަޟާން މަހާ ދިމާކޮށް މާބައިދޫ ކައުންސިލުން މަދަހަ މުބާރާތެއް ބާއްވަނީ

ރަމަޟާން މަހާ ދިމާކޮށް ލ. މާބައިދޫ ކައުންސިލުން މަދަހަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ”ވިދާތަރި“ ނަމުގައި މަދަހަ މުބާރާތެއް ކައުންސިލުން ފަށައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިފެށޭ މަހު 15 އަދި 16 ދެ ދުވަހުގައެވެ.
މި މުބާރާތުގެ މަޤްސަދަކީ މާބައިދޫގެ ރައްޔިތުންނާއި އެރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި އިތުރުކުރުމެވެ. މި މުބާރާތް ބަހާލާފައިވަނީ ދެ ބަޔަކަށެވެ. އެއީ ވަކިވަކި މަދަހަ އަދި ގްރޫޕް މަދަހައެވެ. ހަމަމިއާއެކު، މުބާރަތުގައި ބައިވެރިވެވޭނީ މާބައިދޫގެ ރައްޔިތެއްނަމަ ނުވަތަ ލ.އަތޮޅުގެ މަދަރުސާގައި ތަޢްލީމް ޚާސިލް ކުރަމުންދާ ދަރިވަރަކަށް ވުން ނުވަތަ އެރަށުގައި ދިރިއުޅޭ ފަރާތެއް ނަމައެވެ.
މި މުބާރާތުގައި ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޫޕް މަދަހަ ސީނިޔާ އަދި ޖޫނިޔާ ބައިން1 ވަނަ 2 ވަނަ 3 ވަނަ ހޮވާނެއެވެ. އަދި ގްރޫޕް މަދަހަ ހުށަހެޅުންތަކުން ދެ ގޮފިން 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު 10 ވަނަ ދުވަހުގެ 12:15 ގެ ކުރިންނެވެ.