ލާމު އެމްވީ ސުފުރާ : ޕިއްޒާ ޓޯސްޓް

ބޭނުންވާ ތަކެތި:
- 6 ފޮތި ހުދު ޕާން
- 1 މޭޒުމަތީ ސަމުސާ ބަޓަރު (ގާތްގަނޑަކަށް)
- 2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައިވާ ފިޔާ
- 2 މޭޒުމަތީ ސަމުސާ ކިއުބުކޮށް ކަޑާފައިވާ ކެރެޓު
- 2 މޭޒުމަތީ ސަމުސާ ކިއުބުކޮށް ކަޑާފައިވާ ބެލްޕެޕަރ
- 1 މޭޒުމަތީ ސަމުސާ ތެޔޮ
- ވަރަށް ކުދިކޮށް ކޮށާފައިވާ ލޮނުމެދު ފަޅިއެއް
- ކުޑަ ދަޅު ޓޮމާޓޯ ޕޭސްޓް
- 1 މޭޒުމަތީ ސަމުސާ މިކްސް ހާބްސް
- 1 ދަޅު މަސް
- 6 ފޮތި ޗީޒު
ތައްޔާރުކުރާނެގޮތް:
ޕާން ފޮތިތަކުގެ އެއްފުށުގައި ބަޓަރު އުނގުޅާލާށެވެ. އަދި ފިޔާ ކުދިކޮށް ކޮށައި، ކެރެޓާއި ބެލްޕެޕަރ ކިއުބުކޮށް ކޮށާލާށެވެ.
ސޯސްޕޭނެއްގައި ތެޔޮ ހޫނުކޮށް، ފިޔާ، ކެރެޓު އަދި ބެލްޕެޕަރ އަޅާށެވެ. ހުރިހާ އެއްޗެއް ރޯފިލަންދެން ކައްކާށެވެ. އަދި ސޯސްޕޭނުން ނަގައި އެއްފަރާތަށް ބަހައްޓާށެވެ. ކުޑަ ތަށްޓެއްގައި ލޮނުމެދު، ޓޮމާޓޯ ޕޭސްޓް އަދި މިކްސް ހާބްސް އެއްކޮށްލާށެވެ. އަދި އެއްފަރާތަށް ބަހައްޓާށެވެ.
އަވަން 200 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރާށެވެ. ސާފު ތަށްޓެއްގައި ޕާން ފޮތިތައް ބަޓަރު އުނގުޅާފައިވާ ފަރާތް މައްޗައް ވާގޮތަށް ބަހައްޓާލާށެވެ. ކޮންމެ ފޮއްޗެއްގައިވެސް ޓޮމާޓޯ ޕޭސްޓް މިކްސްޗަރ އެއްވަރަށް އުނގުޅާލާށެވެ. ކޮންމެ ޕާން ފޮއްޗެއްގައިވެސް މަސްދަޅުން ބައެއް އެޅުމަށްފަހު އޭގެ މަތިން ޗީޒު ފޮތިތައް އަޅާށެވެ. (ޗީޒު ފޮތިތަކުގެ ބަދަލުގައި ފޮޅާފައިވާ މޮޒަރެލާ ނުވަތަ އެހެން ބާވަތެއްގެ ޗީޒުވެސް ބޭނުންކުރެވިދާނެއެވެ. މޮޒަރެލާ ނުވަތަ އެހެން ވައްތަރެއްގެ ޗީޒެއް ބޭނުންކުރާނަމަ، ތަރުކާރީގެ މަތިންވެސް ޗީޒު އެޅިދާނެއެވެ.)
ފިޔާ، ކެރެޓު އަދި ބެލްޕެޕަރު މިކްސްޗަރ 6 ބަޔަށް ބަހާލައި، ޕާން ފޮތިތަކުގައި ޗީޒުގެ މަތިން އަޅާށެވެ. ބޭކިންގ ޓްރޭއެއްގައި ޕާން ފޮތިތައް ތަރުތީބުކުރާށެވެ. ޗީޒު ވިރެންދެން 15 މިނެޓު ވަންދެން ބޭކްކުރާށެވެ.