ގަމު ރީޖަނަލް ހޮސްޕިޓަލްގެ ބޭބީ ފީޑިންގ ރޫމް ނުތާހިރުވުމުން އާއްމުންގެ ކަންބޮޑުވުންތަކެއް!

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ބޭބީ ފީޑިންގ ރޫމް ނުތިހާރިވުމުން އާއްމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތި ވެފައިވަނީ އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ އަކާ ގުޅިގެނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވީޑިއޯ ހިއްސާކޮށްފައިވަނީ ފީޑިންގ ރޫމް ބޭނުންކުރި ފަރާތަކުންނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ރޫމުގައި ގިނަ އަދަދެއްގެ ކަރުދާސް ފޮށި ހުއްޓެވެ. ބަލާބެލުމަށް، ބޮޑަށް ސިފަވަނީ ގުދަނެއްގެ ގޮތުގައެވެ.
އަލަށް އުފަންވާ ތުއްތު ކުދިން ގޮވައިގެން ވަންނަ ތަނެއް މިފަދަ ހާލެއްގައި އޮތުމަކީ ގިނަ ބަޔަކު ކަންބޮޑުވާނެ ކަމެކެވެ. ހޮސްޕިޓަލަކީ ސާފުތާހިރު ތަނަކަށް ވާންޖެހޭއިރު، މިފަދަ ރޫމްތައް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ހާއްސަ ސަމާލުކަމެއް ދީގެން ކުރަންޖެހޭނެ ކަމެކެވެ.
މިކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު ހޯދުމަށް ހޮސްޕިޓަލާ ހަވާލުވެ ހުންނެވި، ޑިރެކްޓަރ ޖެނެރަލް މުހައްމަދު އަބްދުއްސަމަދަށް ގުޅުމުން ސަމަދު ވިދާޅުވީ، މިހާރު އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ހޮސްޕިޓަލްގެ ސީއީއޯ، އަބްދުލް ހަންނާން އަބްދުއްރަހީމް ވިދާޅުވީ، އެކަން ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، އެކަން ހައްލުކުރާނެ ކަމަށް ވިދާޅުވިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަކީ ލ.އަތޮޅުގެ އިތުރުން ތ.އަތޮޅުންވެސް ގިނަ އަދަދެއްގެ ބަލިމީހުން ބޭސް ފަރުވާއަށް ދާ ހޮސްޕިޓަލެކެވެ.