ގަމު ޑަބްލިޔުޑީސީ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ގަމު ޑަބްލިޔުޑީސީގެ ފަރާތުން ކުރިޔަށް ގެންދާ “ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ އެޕްރީލް މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ގަމަށް ނިސްބަތްވާ އަންހެނުންނަށް ހާއްސަ މުބާރާތެކެވެ. އެގޮތުން، މި މުބާރާތް ކުޅެވޭނީ ގަމަށް ނިސްބަތްވާ ފަރާތްތަކާއި، ގަމުގެ ރަށްވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކުގެ އިތުރުން، ގަމު ކައުންސިލްގައި އޮންނަ “ރަށްވެހިނުވެ ގަމުގައި ދިރިއުޅޭ މީހުންގެ ރަޖިސްޓަރީ” ގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.
މުބާރާތުގައި ބައިވެރިވުމަށް މިއަދު ފުރުސަތު ހުޅުވާލިއިރު، ޓީމް ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 22 ވަނަ ދުވަހެވެ. އަދި ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. މުބާރާތުގެ ގަވާއިދާއި ފޯމް ސެޓު، ގަމު ޑަބްލިޔުޑީސީގެ ފޭސްބުކް ޕޭޖުންނާއި ގަމު ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި މުބާރާތުގެ މަގްސަތަކީ ގަމުގެ އަންހެން ކަނބަލުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމާއި، ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމާއި، ސިއްހީގޮތުން ދުޅަހެޔޮބަޔަކަށް ހެދުމެވެ.
މުބާރާތުގައި ޓީމު ރަޖިސްޓަރ ކުރާ ފޯމު ފުރުމަށްފަހު ގަމު ކައުންސިލްގެ ކައުންޓަރަށް ހުށަހެޅިދާނެއެވެ. ނުވަތަ، 7555299 މި ނަންބަރަށް ވައިބަރ ކުރެވިދާނެއެވެ.
މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާރު ހޯދުމަށް 7555299 / 9195669 އަށް ގުޅުމަށް ޑަބްލިޔުޑީސީން ވަނީ އަންގާފައެވެ.
މިއަހަރުގެ މުބާރާތުގެ ހޯސްޓިންގ ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވެ، މުބާރާތް ހިންގާނީ ގަމު ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) އިންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭ އިރު، ރަނަރަޕް ޓީމަށް 3500 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.