އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ އޭޕްރީލް 6 ވަނަ ދުވަހު!

ފިޠުރު ޢީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް ރައީސް ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ނެރުނު އިއުލާނުގައި ބުނީ، މިމަހު 31 ވަނަ ވާ ހޯމަ ދުވަހަކީ ފިޠުރު އީދު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައިފިނަމަ، އީދު ބަންދުގެ ތިން ދުވަހާއެކު އޭޕްރިލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ނިންމަވާފައިވާ ކަމަށެވެ.
އަދި، މާރިޗު މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ، ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅުއްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސްކަމުގައިވާ، މާރިޗު 30، 31 އަދި އެޕްރީލް 1 އަށްފަހު، އެޕްރީލް 2 ވާ ބުދަ ދުވަހާއި، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވަނީ ނިންމަވާފައެވެ.
“ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ހަމަޖެއްސެވީ، ފިޠުރު ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަޤްޞަދުގައެވެ.” ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުގެ މިނިންމެވުމާ ގުޅިގެން އީދު ބަންދަށްފަހު ސަރުކާރުގެ އިދާރާތައް އަލުން ހުޅުވޭނީ އޭޕްރީލް 6 ވާ އާދީއްތަ ދުވަހުގައެވެ. ރޯދަ މަހުގެ ފަހު 10 ގައި އަޅުކަމަށް ސަމާލުކަން ދިނުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މި މަހުގެ 20 އިން ފެށިގެން ރޯދަ މަސް ނިމެންދެން ބަންދުކުރުމަށްވެސް ސަރުކާރުން ވަނީ މީގެކުރިން ނިންމާފައެވެ. އެއާއެކު މިމަހުގެ 20 ގައި ސަރުކާރު ބަންދުވާގޮތަށް ދެން ހުޅުވާނީ އޭޕްރިލް 6 ގައެވެ. ނަމަވެސް މިދުވަސްތަކުގައިވެސް، ސަރުކާރުގެ އިދާރާތަކުން ދޭންޖެހޭ ޒަރޫރީ ޚިދުމަތްތައް ދޭނެއެވެ.