ލާމު އެމްވީ ސުފުރާ : ދޮން ރިހަ

 

ބޭނުންވާ ތަކެތި:

  • 1 ފިޔާ
  • 1 ލޮނުމެދު
  • ކުޑަ އިނގުރު ކޮޅެއް
  • 20ކަނޑުމަސް
  • 1 ޖޯޑު ހުނި
  • 1/4 ސައިސަމުސާ ރީނދޫ
  • 1 ސައިސަމުސާ މުގުރި ދަވިއްގަނދު
  • 1 ސައިސަމުސާ މުގުރި ދިރި
  • 5 ހިކަނދިފަތް
  • 1 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
  • 2 ކާފޫރުތޮޅި
  • 2 ފުއް އޯބަތް
  • 1 އިންޗީގެ ފޮނިތޮށި ކޮޅެއް
  • 1 ޖޯޑު ފެން
  • 3 އިންޗީގެ ރާނބާފަތްކޮޅެއް
  • 1/4 ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
  • 1/4 ޖޯޑު ބޯކިރު

 

ތައްޔާރު ކުރާނެގޮތް:

ފުރަތަމަ ފިޔާ ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު އިނގުރާއި ލޮނުމެދު ޗަސްކޮށްލާށެވެ.

ކަނޑުމަސް އާދައިގެ މަސްރިހައަށް ކޮށާ ސައިޒަށް ކޮށާލާށެވެ.

ބޯތަށްޓަކަށް އިނގުރު، ލޮނުމެދު، ހުނި، ރީނދޫ، ދަވިއްގަނދު، ދިރި އަދި ކޮށާފައިވާ ފިޔާގެ ދެބައިކުޅަ އެއްބައި އަޅާލާފައި ރަނގަޅަށް މޮޑެލާށެވެ.

މޮޑުނު ތަކެތި މިކްސަރަށް އަޅާލާށެވެ. އޭގެ އިތުރުން ހިކަނދިފަތް، ލޮނު، ކާފޫރުތޮޅީގެ އޮށް، އޯބަތް، ފޮނިތޮށި އަދި 5 ސައިސަމުސާ ފެން އަޅައި ޕޭސްޓްގަނޑަކަށް ހަދާށެވެ.

ޕޭސްޓްގަނޑު ތެއްޔަކަށް އަޅާލާށެވެ. އަދި ފެން، ރާނބާފަތް އަދި ގިތެޔޮ މިރުސް އަޅައި ރަނގަޅަށް އެއްކޮށްލާފައި މެދު ގިނީގައި ބޮކިޖަހަންދެން ކައްކާށެވެ.

ބޮކިޖެހުމުން ކޮށާފައިވާ ކަނޑުމަސް އަޅާލާފައި ގިނި މަޑުކޮށްލާށެވެ. މަސް ރޯފިލަންދެން ކައްކާށެވެ.

މަސް ރޯފިލުމުން ބޯކިރާއި ބާކީ އޮތް ފިޔާ އަޅައި އެއްކޮށްލާށެވެ. މަޑު ގިނީގައި ފިޔާ މަޑުވަންދެން ކައްކާލާށެވެ.

އެންމެ ފަހުން ރަހަ ބަލާލާފައި ލޮނާއި ކުޅިރަހަ ބޭނުންވާ ގޮތަށް ހެޔޮވަރު ކޮށްލާށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments