ފެނަކަ ހޯމް ސޯލަރ ޕްރޮޖެކްޓުގެ ދަށުން މާބައިދޫގެ 10ގެއަކަށް ކަރަންޓު ދޭން ފަށައިފި

ފެނަކަ ހޯމް ސޯލަރ ޕްރޮޖެކްޓުގެ ދަށުން ލ.މާބައިދޫގެ 10 ގެއަކަށް ކަރަންޓު ދޭން ފަށައިފިއެވެ. މި 10 ގެއަށް ކަރަންޓު ދޭން ފަށާފައި ވަނީ  މި ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.

ފެނަކަ ހޯމް ސޯލަރ ޕްރޮޖެޓްގެ ދަށުން  ސޯލަރ ހަރުކުރެވޭނެ ތިން ޕެކޭޖެއް، އަދި އެ ތިން ޕެކޭޖުގެ ދަށުން 3 ޕްލޭނެއް އެކުލަވާލާފައި ވެއެވެ. އެގޮތުން އެންމެ ކުޑަ ޕެކޭޖު ”ފެހި ހަކަތަ -2kWp“ ގެ ޖުމްލަ އަގަކީ 35،000 (ތިރީސް ފަސް ހާސް) ރުފިޔާ އެވެ. ދެވަނަ ޕެކޭޖު“ފެހި ހަކަތަ -3kWp“ ގެ ޖުމްލަ އަގަކީ 55،000 (ފަންސާސް ފަސް ހާސް) ރުފިޔާ އެވެ. އަދި ތިންވަނަ ޕެކޭޖު ”ފެހި ހަކަތަ -5kWp“ގެ ޖުމްލަ އަގަކީ 80،000 (އަށްޑިހަ ހާސް) ރުފިޔާ އެވެ. މީގެ ކޮންމެ ޕެކޭޖެއްގެ ދަށުން ތިން ޕްލޭނެއް އެކުލަވާލާފައި ވެއެވެ. އެގޮތުން ދެ އަހަރު، ތިން އަހަރު އަދި ފަސް އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތަށް ޕްލޭންތައް އެކުލަވާލާފައި ވެއެވެ. ގޭގައި ކަރަންޓު އުފައްދާ މިންވަރަށް ބިނާކޮށް ސޯލަރ ޕްލޭނާއި ޕެކޭޖު އިޚްތިޔާރު ކުރެވޭނެ ގޮތަށް ވަނީ މަގުފަހި ކޮށްފައެވެ.

ހޯމް ސޯލަރ ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެންވަޔަރމަންޓު ، ކްލައިމެޓް ޗޭންޖު އެންޑު ޓެކްނޮލޮޖީން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ޙަވާލުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަކީ ކަރަންޓު އުފެއްދުމަށް ދައުލަތުން އެތެރެކުރާ ތެލުގެ  މިންވަރު މަދު ކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މިއީ 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯ އަށް ހެދުމަށް ސަރުކާރުން އަމާޒު ކޮށްފައިވާތީ ، މި އަމާޒު ޙާސިލް ކުރުމަށް މަގުފަހި ކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މީގެ ސަބަބުން ތިމާވެއްޓާއި ރައްޓެހި ގޮތަށް ކަރަންޓު އުފެއްދުމުގެ އިތުރުން، ކަރަންޓު ބިލަށް ރައްޔިތުން ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑު ތަނުން މަދު ވެގެން ދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments