ލާމަސީލު ލާމު ހައްދުންމަތީ އެވޯޑު، ހިތްވަރު ދިނުމުގެ އިނާމު 11 ފަރާތަކަށް އަދި ޝަރަފުވެރިކަމުގެ އިނާމު 8 ފަރާތަކަށް ލިބިއްޖެ

ލާމު އަތޮޅުގައި ޢިލްމީ ޖީލެއް ބިނާކުރުމާއި، އެކި ވަނަތައް ހޯދުމަށް ވާދަކުރުމުގެ ރޫހު ދަރިވަރުންގެ ކިބައިގައި އުފައްދާ އެ ފަދަ މާހައުލެއް ޤާއިމު ކުރުމުގެ މަޤްޞަދުގައާއި އަތޮޅުގައި ތިބި ޚިދުމަތްތެރީންގެ އަގު ވަޒަން ކުރުމާއި، ސުކޫލް ތަކާއި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ މަޤްޞަދުގައި ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގެ ދަށުން ބޭއްވި ލާމަސީލު ލާމު ހައްދުންމަތީ އެވޯޑު، ހިތްވަރު ދިނުމުގެ އިނާމް 11 ފަރާތަކަށް އަދި ޝަރަފުވެރިކަމުގެ އިނާމު 8 ފަރާތަކަށް ލިބިއްޖެއެވެ. ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގެ ދަށުން އެވޯޑު ދެވޭ ދާއިރާތައް ވަނީ ދެ ކެޓަގަރީއަކަށް ބަހާލާފައެވެ. އެއީ ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމެވެ.

ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވަނީ ތަޢުލީމީ ދާއިރާއިން އިބްރާހީމް ޙަލީމް ކަނީރުމާގެ ލ.މާބައިދޫ، އިނޮވޭޝަން ދާއިރާ އިން އަޙްމަދު އަނަސް ޙަބީބު ލ.ފޮނަދޫ، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން އާމިނަތު އަމީނާ ހަނދުވަރީގެ ލ.ކުނަހަންދޫ އަދި މުޙައްމަދު ޝަމްޢޫން އަންނާރުމާގެ ލ.ފޮނަދޫ، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޙަސަން ޚަލީލް ނަރުގިސްވިލާ ލ.ފޮނަދޫ އަދި އިލުމިނޭޓް ލާމު މޫވްމަންޓު ޖަމިއްޔާ އަށެވެ.

އެކި މުބާރާތްތަކާއި އިމްތިޙާނު ތަކުގައި ބައިވެރިވެ ޤައުމީ އަދި ދުނިޔޭގެ ފެންވަރުގެ ވަނަތައް ޙާސިލްކޮށްގެން ޖުމްލަ 5 ފަރާތަކަށް ހިތްވަރު ދިނުމުގެ އިނާމް ލިބިފައިވެއެވެ. އެއީ:

  1. އަޙްމަދު އަމަން ޙަލީމް ކަނި ލ.ގަން (މަޒުމޫނު ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތުން ސާނަވީ ގިންތި އިން 3 ވަނަ)
  2. ނަސަމް ނަސީމް ރަތްވިލާގެ ލ.ފޮނަދޫ (ސާނަވީ / މަތީ ސާނަވީ އިމްތިހާނު ތަކުން ދުނިޔޭގެ ފެންވަރުގެ ވަނަ)
  3. މުޙައްމަދު މިއުވާން މަސީހް މިނާ ލ.ގަން (ސާނަވީ / މަތީ ސާނަވީ އިމްތިހާނު ތަކުން ދުނިޔޭގެ ފެންވަރުގެ ވަނަ)
  4. ޙަސަން ޙަލީމް ހަނދުވަރުދޭގެ ލ.ގަން (ސާނަވީ / މަތީ ސާނަވީ އިމްތިހާނު ތަކުން ދުނިޔޭގެ ފެންވަރުގެ ވަނަ)
  5. ޢަބްދުއްސަލާމް ޢަބްދުލްޙަމީދު ވީނަސް އަލި ލ.ގަން ( މަތީ ތަޢުލީމުން ޤައުމީ ފެންވަރުގެ ވަނަ)

އަދި ޝަރަފުވެރިކަމުގެ އިނާމުގެ ދަށުން އައްޝައިޚް ޙަސަން ތާޖުއްދީން އެވޯޑު (ރަށު ކައުންސިލް ، ސުކޫލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން 1 ވަނަ) ލިބިފައި ވަނީ ލ.ފޮނަދޫ ކައުންސިލާއި، ލ.މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށެވެ. ޝަރަފުވެރިކަމުގެ އިނާމު ގެ ދަށުން އަލްޚަތީބު މުޙައްމަދު ސިރާޖުއްދީން އެވޯޑު  (ރަށު ކައުންސިލް ، ސުކޫލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން 2 ވަނަ) ލިބިފައި ވަނީ ލ.އިސްދޫ ކައުންސިލާއި، ހަމަދު ބިން ޚަލީފާ އަލް ޘާނީ ސުކޫލް އަދި ލ.ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށެވެ. އަދި ޝަރަފުވެރި ކަމުގެ އިނާމުގެ 3 ވަނަ ކެޓަގަރީ އައްޝައިޚް އެދުރު އުމަރު މާފަތްކަލޭގެ ފާނުގެ އެވޯޑު (ރަށު ކައުންސިލް ، ސުކޫލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން 3 ވަނަ) ލިބިފައި ވަނީ ލ.މާމެންދޫ ކައުންސިލާއި، އިސްދޫ ކަލައިދޫ ސުކޫލް އަދި ލ.ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށެވެ. ޝަރަފުވެރިކަމުގެ އިނާމު ދިނުމުގައި ރަށު ކައުންސިލްތައް ވަނަ ކޮށްފައި ވަނީ އެ ކައުންސިލަކުން ހޯދާ އާމްދަނީ އާއި، ސިވިލްސަރވިސް އަދި ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި ލާމަރުކަޒީ ޤާނޫނަށް ޢަމަލު ކުރާ މިންވަރާއި، ކައުންސިލްތަކުގެ މޮނިޓަރިންގ ރިޕޯޓާއި، ޕާފޯމަންސް އިންޑެކްސް އާއި، ރަށްވެހިކަމުގެ ޚިދުމަތް ދިނުމާއި، ރަށު ކައުންސިލްގެ ހާލަތާއި، ލ.އަތޮޅު ކައުންސިލުން ލ.އަތޮޅުގެ ރަށްތަކުގައި ކުރި ސާރވޭ އިން ލިބުނު ކޮމިއުނިޓީ ފީޑުބެކަށްބަލާފައެވެ. ސުކޫލްތަކުން ވަނަ ހޮވުމުގައި ބަލާފައި ވަނީ މަތީ ސާނަވީއަށް ކިޔެވޭ މިންވަރަށް އެންމެ ގިނަ ކުދިން ފާސްކޮށްދީފައިވާ ޢަދަދަށެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ވަނަ ދީފައި ވަނީ ކޮމިޓީގެ މަސްއޫލިއްޔަތު އަދާ މިންވަރާއި، ކޮމިޓީން ހޯދާ އާމްދަނީ އާއި، މޮނިޓަރިން ރިޕޯޓާއި، މަސައްކަތު ތާވަލުގައި ހިމަނައިގެން ކޮށްފައިވާ ކަންކަމާއި، ޙާސިލް ކުރެވުނު ކާމިޔާބީގެ މައްޗަށެވެ.

މި އެވޯޑު ދިނުމުގެ ހަފްލާ ބާއްވާފައި ވަނީ ރޭ ގައި ލާމު އަތޮޅު ތައުލީމީ މަރުކަޒުގައެވެ. މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ޢަބްދުﷲ ޝާހިދެވެ. މީގެ އިތުރުން އެލް.ޖީ.އޭގެ ސީ.އީ.އޯ ފާޠިމަތު އަފްޝަން ލަޠީފުގެ އިތުރުން ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އަލްއުސްތާޛް މޫސާ ސިރާޖާއި ގަމު ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ވިސާމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments