އަހަރެމެންނަށް ކުރިމަތިވާ މުސީބާތްތަކުގެ ހެޔޮކަން

ޝައްކެެއްވެސް ނެތް ގޮތުގައި ދުނިޔެއަކީ އިމްތިޙާނެކެވެ. އަހަރެމެން މި ދުނިޔެ މަތީ ހޭދަކުރާ މަދު ވަގުތުކޮޅުގެ ތެރޭގައި ތަފާތު ދަތިތަކާ ކުރިމަތިވެއެވެ.

ބައެއް ފަހަރު ޙަޔާތުގައި ކުރިމަތިވާ ބޮޑެތި ކަންތައްތަކެވެ. ތިމާގެ ކުށެއް ނެތި ޙަޔާތުގެ ބައިވެރިޔާ ތިމާ ދޫކޮށްލުމުން ކުރިމަތިވާ ހިތްދަތިކަމެވެ. ދެލޯފަދައިން ލޯބިވާ މައިންބަފައިން ނުވަތަ ދަރީންގެ ކުއްލި ވަކިވެދިޔުމެވެ. މިއަދު ހެނދުނު ތިމާއާ އެކު ކައިބޮއި ހީ އުޅެފައި ހަވީރު ކުއްލި ހާދިސާއަކާ ގުޅިގެން މި ދުނިޔެއިން ވަކިވެދާ ތިމާގެ އެންމެ ގާތް އެކުވެރިޔާގެ މަރުގެ ޚަބަރެވެ.

އަނެއްބައި ފަހަރު، ތިމާއަށް، ތިމާގެ ދަރިއަކަށް ނުވަތަ މައިންބަފައިންނާ އައުލާދުންގެ ތެރެއިން މީހަކަށް ކުރިމަތިވާ ޞިއްޙީ ބޮޑު މައްސަލައެކެވެ. އަބަދު ބަލި ޙާލުގައި އުޅެން ޖެހުމާއި އެކަމާ ގުޅިގެން ދިރިއުޅުމުގެ ޚަރަދު ބޮޑުވެގެން އުފުލަންޖެހޭ ތަކުލީފެވެ.

އަހަރެމެން މުސްލިމުން މިޙާލަތްތަކުގައި ވިސްނުން ބަހައްޓަން ޖެހެނީ ވަކި ގޮތަކަށެވެ. އެގޮތަކީ މި ޙާލަތްތައް ކުރިމަތި ކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމާއި އެކަންކަމަކީ އެކަލާނގެ ޖައްސަވާ އިމްތިޙާނުތައް ގޮތުގައި ޤަބޫލުކުރުމެވެ. އަދި ﷲ ގެ ވަޢީދު ބަސްފުޅުގައި ވާގޮތަށް އެއްވެސް އިންސާނަކަށް ނުއުފުލޭނަ ބުރައެއް އެކަކަށްވެސް ނުޖައްސަވާނޭކަން ހިތުގައި ޝައްކުކަމެއް ނެތި ޤަބޫލުކުރުން މަތީގައި ދެމިހުރުމެވެ. އަދި ކިއެއްތަ މިފަދަ ދަތިތަކާއި މުޞީބާތްތަކަކީ އަހަރެމެންނަށް ހުރި ހެޔޮކަމެއް ކަމަށް ޤަބޫލުކުރުމެވެ.

وَعَنْ أَنَسٍ ، قَالَ: قَالَ رَسُوْلُ اللَّهِ صلى الله عليه وسلم: ”إِذَا أَرَادَ اللَّهُ بِعَبْدِهِ خَيْرًا عَجَّلَ لَهُ الْعُقُوبَةَ فِي الدُّنْيَا، وَإِذَا أَرَادَ اللَّهُ بِعَبْدِهِ الشَّرَّ أَمْسَكَ عَنْهُ بِذَنْبِهِ حَتَّى يُوَافِيَ بِهِ يَومَ الْقِيَامَةِ“.

وَقَالَ النَّبِيُّ صلى الله عليه وسلم: ”إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاَءِ، وَإِنَّ اللَّهَ تَعَالَى إِذَا أَحَبَّ قَوْمًا ابْتَلاَهُمْ، فَمَنْ رَضِيَ فَلَهُ الرِّضَا، وَمَنْ سَخِطَ فَلَهُ السُّخْطُ“. (رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيْثٌ حَسَنٌ)

މާނައީ: މާތް اللَّهُ، އެ ކަލޭގެފާނަށް ރުއްސުންލެއްވި އަނަސުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللَّهِ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. {މާތް اللَّهُ، އެކަލާނގެ އަޅަކަށް (އޭނާގެ ޢަމަލުތަކުގެ ރަނގަޅުކަމާހުރެ) ހެޔޮގޮތް އިރާދަކުރައްވާ ހިނދު، (އޭނާ ކޮށްފައިވާ ފާފަތަކުގެ) ޢުޤޫބާތް ދުނިޔޭގައި އެ މީހަކަށް ލިބޭނެގޮތް މިންވަރު ކުރައްވައެވެ. (އެބަހީ: އެ މީހަކަށް މުސީބާތްތަކާއި އުނދަގޫތައް މެދުވެރިކުރައްވައި، އޭގެ ސަބަބުން، އޭނާ އެކަންކަމަށް ކެތްތެރިވެއްޖެނަމަ، އޭނާގެ ފާފަތަކުގެ ކައްފާރާއެއްކަމުގައި އެކަންކަން ލައްވައެވެ.) އަދި މާތް اللَّهُ، އެކަލާނގެ އަޅަކަށް (އޭނާގެ ޢަމަލުތަކުގެ ނުބައިކަމާހުރެ) ނުބައިގޮތް އިރާދަކުރައްވާ ހިނދު، (އޭނާ ކޮށްފައިވާ ފާފަތަކުގެ) ޢުޤޫބާތް (ދުނިޔޭގައި) އޭނާއަށް ނުލިބި ފަސްކުރައްވައެވެ. އެއީ ޤިޔާމަތްދުވަހުން، އެކަންކަމުގެ ޢުޤޫބާތް އޭނާއަށް ފުރިހަމަ ކުރެއްވުމަށްޓަކައެވެ.

އަދިވެސް މާތްނަބިއްޔާ ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުން، މުސީބާތްތައް ބޮޑުވީ ވަރަކަށް (އެއަށް ކެތްތެރިވުމުން) ލިބޭ ޘަވާބާއި ދަރުމަ ބޮޑުވާހުއްޓެވެ. އަދި މާތް اللَّهُ ސުބުޙާނަހޫވަތަޢާލާ، ބަޔަކު މީހުންދެކެ ލޯބިވެ ވޮޑިގެންވާ ހިނދު، އެ ބަޔަކަށް މުސީބާތްތައް ކުރިމަތިކުރައްވައެވެ. ފަހެ، އެ ބަޔަކު އެ ކަމަށް ކެތްތެރިވެ ރުހިއްޖެނަމަ، އެ ބަޔަކަށް، اللَّهُ ރުއްސަވާހުށްޓެވެ. އަދި އެ ކަމަށް އެ ބަޔަކު ކެތްތެރިނުވެ ނުރުހުންވެއްޖެ ނަމަ، އެ ބަޔަކަށް، اللَّهُ ރުހިވޮޑިގެން ނުވާހުއްޓެވެ.}

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments