މާ ބޮޑަށް ހިތްހެޔޮވުމަކީ ހިތްދަތިކަމަށް ދެވޭ ދައުވަތެކެވެ.

”އަހުރެން އެހެން މީހުންދެކެ އިންތިހާއަށް ލޯބިވަމުއެވެ. އެވަރަށް އަޅައިލުމާއި، އެހީތެރިކަން ފޯރުކޮށްދީ ހަދަމުއެވެ. ނުލާހިކު އިތުބާރު ކުރަމުއެވެ. ކިރިޔާ ކަމެއް ކުރެވުނަސް ތަކުރާރުކޮށް މާފަށް އެދެމެވެ. އެމީހުންގެ ކުށްތަކާއި ގޯސްތަކަށް ހިތްހެޔޮކަމާއިއެކު މާފުކުރަމުއެވެ. މިގޮތުގައި އަހުރެންނަށް މާބޮޑު ހެވެއް، ލާބައެއް ނެތި ހުންނަން ޖެހުނު ނަމަވެސް އެއްވެސް ޝަކުވާއެއް ނުކޮށް ހުންނަމުއެވެ. އެކުން އެހެން ހުންނަން ޖެހެނީ ވެސް އެއިން މީހަކު ފިކުރާނުވެދާނެތީއެވެ. ދެބަސްވުމާއި އަރައިރުންވެ، އެއިން މީހަކު ރުޅިވުމަކީ އެއްގޮތަކަށްވެސް ހިތްއެދޭކަމަކަށް ނުވާތީއެވެ.
އެކަމަކު މިހުރިހައިކަމަކަށް ފަހުގައިވެސް އެންމެ ބޮޑު ހިތްދަތިކަމަކާއި، އެކަނިވެރިކަމާއި، މޮޅިވެރިކަމާއިއެކު ވޭނާ ހިތާމައިގެ އެންމެ ބޯ ސާލެއް ލާން މިޖެހެނީ ހަމަ އަހުރެންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ “
މިއީ ވަރަށް ގިނައިން އަޑު އަހަންޖެހޭ އެހާމެ ގިނަ ބައެއްގެ ޝަކުވާއެކެވެ.
ދަންނައެވެ… ހިތާމައާއި، މޮޅިވެރިކަން ލިބޭ އެންމެ ބޮޑު ސަބަބަކީ، އަނެކުންގެ ކިބައިން މާބޮޑު އުންމީދުތަކެއް ކުރުމެވެ. ތިބާގެ ހިތްހެޔޮކަމާއި، ކޮށްދޭ ކޮންމެ ހެޔޮކަމަކަށް އޭގެ އަގު އެހެންމީހުން އަދާކުރާނޭ ކަމުގައި ވިސްނުމެވެ. ތިމާ އެމީހުންނަށް މިނެދިން ނާޅިއަކުން އެމީހުންވެސް މިނެދޭނެކަމުގައި ހީވެފައި އޮންނަ އޮތުމެވެ. މިފަދައިން ވިސްނެނީ ތިބާއަކީ ހިތްހެޔޮ އިންސާނަކަށް ވުމުންނެވެ. ހިތްހެޔޮ މީހެއް ނަމަ ގިނަ ފަހަރު ހުންނާނީ ކެތްތެރި ވެގެންނެވެ. ހެވެއް ނެތް މީހެއްގެ ކިބައިންވެސް ހެވަކަށް އުންމީދު ކޮށްގެންނެވެ.
އަނެކުންނަށް ހެޔޮކޮށް ހިތުމަކީ މައްސަލައެކޭ ނުދަންނަވަމެވެ. އެކަމަކު އަނެކުންގެ ކިބައިން މާ ބޮޑު އުންމީދެއް ކުރުމާއި، އެމީހުން ތިމާގެ އަގުވަޒަން ކުރާނެ ކަމަށް ދެކުމާއި، މީހެއްގެ ކިބައިގައި ނެތް ރަނގަޅު ސިފައެއް އެމީހެއްގެ ކިބައިން ފެންނާނެކަމުގެ އުންމީދުގައި އެމީހަކަށްޓަކައި ދުވަސްތައް ބޭކާރު ކުރުމަކީ މާބޮޑަށް ހިތްހެޔޮވުމެވެ. އެފަދައިން އުންމީދު ކުރުމަކީ ކުރަން ހެޔޮވާވަރުކަމެއް ނޫނެވެ. އެމިންވަރަށް ހިތްހެޔޮވުމަކީ، ހިތާމައާއި، ހިތްދަތިކަމަށް އަމިއްލައަށް ދެވޭ ދައުވަތެކެވެ.