ތުނޑީ ރަމަޟާން ކަޕުގެ ޗެމްޕިއަންކަން ސުބަރު ސްޕޯޓްސް ކްލަބަށް
Thundi Ramazan Cup ge championkan Subaru SC ah

ތުނޑީ ރަމަޟާން ކަޕުގެ ފައިނަލުގައި 5-3 ގެ ނަތީޖާއަކުން ކަންމަތި ސްޕޯޓްސް ކްލަބް ބަލިކޮށް، ސުބަރު ސްޕޯޓްސް ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ސޮސައިޓީ ފޯރ ތުނޑި އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓާ) ޖަމިއްޔާގެ ފަރާތުން ކުރިޔަށްގެންދިޔަ 16 ވަނަ ތުނޑީ ރަމަޟާން ކަޕުގެ ފައިނަލަށް ދެ ޓީމުވެސް ދަތުރުކުރީ މުބާރާތުގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެގެނެވެ. އެގޮތުން، ކަންމަތި ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ފޮއެމަތި ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހުއެވެ. އަދި ސުބަރުން ވަނީ ސެމީ ގައި ގޯޅިއަންސް ބަލިކޮށްފައެވެ.
ތުނޑީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ކުރީކޮޅުގައި އަބްދުﷲ ޖުނެއިދު (ޖޭންނެ) ވަނީ ލަނޑު ޖަހައި ސުބަރަށް ކުރިހޯދަދީފައެވެ. ސުބަރުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ކަންމަތިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޖުމެއިލް ޖަމީލް (ޖުމްބެ) އެވެ.
މެޗުގައި ދެވަނަ ފަހަރަށް ސުބަރަށް ލީޑު ނަގައިދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. ނަމަވެސް، އޭގެ ކުޑަ އިރުކޮޅެއް ފަހުން އަފްލާޒް އަހުމަދު ވަނީ ލަނޑު ޖަހައި، އަނެއްކާވެސް ކަންމައްޗަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ވައްޖެ ވަނީ އިތުރު ލަނޑެއް ޖަހައި، ސުބަރަށް ކުރިހޯދަދީފައެވެ. އޭގެފަހުން، ކަންމައްޗަށް އިތުރު މައްސަލަތައް ދިމާވީ ފަސް ފައުލް ހަމަވުމުންނެވެ. އެގޮތުން، ސުބަރަށް ވަނީ ދުރު ޕެނަލްޓީއަކާއެކު، ލީޑު ފުޅާ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ދުރު ޕެނަލްޓީ ކާމިޔާބުކޮށް، އަޔާޒް އަހުމަދު (އަޔާ) ވަނީ ސުބަރަށް ދެ ލަނޑުގެ ލީޑެއް ހޯދަދީފައެވެ.
ކަންމަތިން ވަނީ ފަހުވަގުތާ ހަމަޔަށް ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. އެ ޓީމަށް އުއްމީދު އައުވީ މެޗު ނިމެން ގާތް ވެފައިވަނިކޮށް ޖުމްބެ ޖެހި ލަނޑާއެކުއެވެ. ނަމަވެސް، އަޔާ ވަނީ އިތުރު ލަނޑެއް ޖަހައި، ސުބަރަށް ނަތީޖާ ކަށަވަރުކޮށްދީފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސުބަރުގެ އަޔާ އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ޑެތު ކިންގުގެ އަނާން އިބްރާހިމް އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސުބަރުގެ ހުސައިން ނާޝިދު (ނާއްޓޯ) އާއި ސާމިން މުހައްމަދު ނަސީރުގެ އިތުރުން ކަންމަތިގެ އަހުމަދު ހަލީމް (އައްމަޑޭ)، އަލީ ހާފިޒް (ހާއްޕެ) އަދި އަހުމަދު ހުޝާމް (ގުންޒާލޯ) އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސާމިން އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 14 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.