ގަމުު ކައުންސިލުން ބެހި ރޯދަ ހަދިޔާ އާއެކު ރައްޔިތުންނަށް ހިނިތުންވުން ގެނެސްދީފި
Gamu Council in behi roadha hadhiyaa aa eku rayyithunnah hinithunvun genesdheefi

ހައްދުންމަތީ ގަމު ކައުންސިލުން މި ރަމަޟާން މަހު ބެހި ރޯދަ ހަދިޔާ އާއެކު ރައްޔިތުންނަށް ހިނިތުންވުން ގެނެސްދީފިއެވެ.
ގަމު ކައުންސިލުން ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިހާތަނަށް ރަށުގެ ހުރިހައި ގެޔަކަށް ހަދިޔާ ނުދެވުނު ނަމަވެސް، ނިސްބަތުން ބަލާއިރު ގިނަ ގޭގެއަށް ހަދިޔާ ފޯރުކޮށްދީފައިވެއެވެ. އަދި މާދަމާގެ ނިޔަލަށް ގަމު ރައްޔިތުން ދިރިއުޅޭ ހުރިހައި ގެޔަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވޭނެ ކަމަށް އެ ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ގަމު ކައުންސިލުން ބަހާ ރޯދަ ހަދިޔާގައި ހިމެނެނީ 5 ކިލޯގެ ހަނޑޫ ބަސްތާއަކާއި، ނޫޑުލްސް ކޭހަކާއި، ކުކިން އޮއިލް ފުޅިއަކާއި، 3 ދަޅު ގެރިކިރެވެ. މީގެއިތުރުން ކައުންސިލުން ވަނީ ސަރުކާރުން ބަހަން ފޮނުވި ކަދުރު، ކޮންމެ ގެއަކަށް ދެވޭ ވަރަށްވުރެ މަދު ވުމުން، އިތުރަށް ކަދުރު ހޯދައި، ހުރިހާ ގެއަކަށް ކަދުރު ވެސް ބަހަން ނިންމާފައެވެ.
ރޯދަ ހަދިޔާ ބެހުން ލަސްވީ މުޅި ރަށުގެ ރައްޔިތުންނަށް ބަހާ ވަރަށް ތަކެތި ގެނައުމުގައި ގޮންޖެހުންތަކެއް ދިމާވެގެން ކަމަށް ގަމު ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ. އެގޮތުން، ގަމު ކައުންސިލުން އެންމެ އިސްކަމެއް ދީފައިވަނީ ރައްޔިތުންނަށް ވީހާވެސް އަގުހުރި ރޯދަ ހަދިޔާއެއް ދިނުމަށެވެ.
ގަމު ކައުންސިލުން ރޯދަ ހަދިޔާ ބަހާއިރު، އެކި ކުންފުނި ތަކުންނާއި ވިޔަފާރިތަކުން ވަނީ ދީލަތި އެހީ ފޯރުކޮށްދެއްވާފައެވެ. އޭގެތެރޭގައި ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މާޒިޔާ ސާވިސެސް، މާތުނޑި ޕްރައިވެޓް ލިމިޓެޑް އުމާރާ ސްޓޯރ، އޯޓެކްސް، ނޫފަރު ބްރަދާސް، ފެޑޯ ޕްރައިވެޓް ލިމިޓެޑް އަދި މާރެސް ހިމެނެއެވެ.