އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގޭ ވޯޓުލުން މިއަދު 9 ޖަހާއިރު ފެށޭނެ، 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވޭ

މިއަދު މުޅި ރާއްޖޭގައި ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯލްޓުލުން މިއަދު ހެނދުނު 9 ޖަހާއިރު ފެށޭނެއެވެ. އަދި މި ވޯޓުގައި ޖުމުލަ 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
މިއީ، ޒަމާންވީ ދެ ރަހުމަތްތެރިންގެ ގޮތުގައި ބެލެވިފައިވާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ސޯލިހު އުޅުއްވުމަށްފަހު، އިންތިހާބެއްގައި އެއްބޭފުޅަކު އަނެއްބޭފުޅަކާ ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ.
މި އަހަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ބޭފުޅަކު ކަނޑައެޅުމަށް މިއަދު ޕްރައިމަރީ ވޯޓުލުން ކުރިޔަށް ދާއިރު، ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު 2018 ވަނަ އަހަރު އެ ޕާޓީން ދިނީ، ނަޝީދަށް ކުރިމަތިލެއްވުމަށް ގާނޫނީ ހުރަސްތަކެއް ހުރުމުންނެވެ.
މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ނަޝީދު މީގެ ކުރިން ދެ ފަހަރެއްގައި ޕްރައިމަރީގައި ވާދަ ކުރެއްވި އެވެ. އެއީ 2008 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ އާއި 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ އެވެ.
ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރައްވާ ފުރަތަމަ ފަަހަރު ކަމަށްވާ މި އިންތިހާބުގެ ކެމްޕެއިން ކުރިއަށް ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށެވެ. މި އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދިޔައިރުު މި ދެ ކެންޑިޑޭޓުން ވެސް ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ދެ ކެނޑިޑޭޓުންވެސް ކެމްޕެއިން ނިންމާލާފައިވަނީ ވެސް ފޯރިގަދަކޮށެވެ. އެގޮތުން ކެމްޕެއިން ނިންމާލުން ފާހަގަކުރުމުގެ ގޮތުން މާލޭގެ މަގުތަކުގައި ނަޝީދު ހިނގާލުމެއް ބޭއްވިއިރު, ރައީސް ޞާލިޙު ވަނީ ހުޅުމާލޭގައި އެއްވުމެއް ބާއްވާފަ އެވެ.
އިއްޔެގެ އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ޕްރައިމަރީގެ މަސައްކަތް ނިމުމާ އެކު މާޒީ އެކަހެރިކޮށް އެކީގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އެކުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެކައްޗެއްގެ ގޮތުގައި މަސައްކަތް ފެށުމަށާއި އެކަން ކުރެވިއްޖެނަމަ ބޮޑުތަނުން އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ
ނަމަވެސް މި އިިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރައްވައިފި ނަމަ އެމަނިކުފާނާއެކު ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ނުހުންނަވާނެ ކަމުގެ އިޝާރާތެއް ނަޝީދު ވަނީ ދެއްވައިފަ އެވެ. އެކަމަކު، އިންތިހާބު ނަޝީދު ކާމިޔާބުކޮށްފި ނަމަ، ފަހަތަށް ޖެހިވަޑައިގެން އެމަނިކުފާނާއެކު ހުންނަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.