ލާމު ބްލޫސް އަތުން ލަސާއަށް ބޮޑު މޮޅެއް
Laamu Blues athun LASA ah bodu molheh

ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓު 2025 ގައި ރޭ ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) އިން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލާމު ބްލޫސް ބަލިކޮށްފިއެވެ.
ލަސާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބެސްޓް ސްޕޯޓްސް ކްލަބް ކައިރިން އެއްވަރުވެފައެވެ. ރޭގެ މި ނަތީޖާއާއެކު، އެ ޓީމުން ވަނީ ފެންވަރު ދައްކާލާފައެވެ.
ތުނޑީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ލަސާ އިން ތަފާތު ދެއްކީ މަރިޔަމް ނޫރާ އާއި ފާތިމަތު ތީބާ އެވެ. އެގޮތުން، ނޫރާ ވަނީ ހަ ލަނޑު ޖަހައި، ދެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި ތީބާ ވަނީ ތިން ލަނޑާއެކު ހެޓްރިކް ހަދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނޫރާ އެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) އާއި ރޯސް އެވެ. މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޖީސީއާރުސީ އިންނެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މައުސޫމާ މޫސާ އެވެ. ނަމަވެސް، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ފާތިމަތު ސަމާހަތު ވަނީ ލަނޑު ޖަހައި ރޯސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއާއެކު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ސަމާހަތު އެވެ.
މުބާރާތުގެ ފުރަތަމަ ދެ ރޭގެ މެޗުތަކަށްފަހު، ހަތަރު ޕޮއިންޓާއެކު ފައިދާ ގޯލުން ކުރިހޯދައި، އެއްވަނައިގައި އޮތީ ލަސާ އެވެ. އަދި ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތީ ރޯސް އެވެ.
މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލަސާ އާއި ޖީސީއާރުސީ އެވެ. އަދި ދެވަނަ މެޗުގައި ބެސްޓް އެސްސީ ނިކުންނާނީ ލާމު ބްލޫސް އާ ދެކޮޅަށެވެ.