ލާމުގައި ބާއްވާ ކޮރަލް ރީފް މޮނިޓަރިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) ޕްރޮޖެކްޓުން ލ.އަތޮޅުގައި ބާއްވާ ކޮރަލް ރީފް މޮނިޓަރިންގ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެންދެރި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް) ގެ މާލީ އެހީއާއި, ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އަމާޒަކީ ސަރުކާރުން އަލަށް ކަނޑައަޅާ ތިމާވެށީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައާއި, އަތޮޅުތައް ތަރައްޤީކުރުމުގައި ”ގްރީން ގްރޯތު“ ނުވަތަ ކަނޑުގެ ޤުދުރަތީ ރައުސްމާލް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަދި މުރަކަފަރުތަކުގެ ވިލުން އަދި އިއާދަވުން އިތުރުވާނޭފަދަ ތަރައްގީގެ ވިސްނުންތަކެއް ބަލައިގަތުމުގައި އެހީތެރިވުމެވެ.

މި މަޝްރޫޢުއަކީ ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ ރައުސްމާލުގެ ހިސާބު ކިތާބު (ނެޗުރަލް ކެޕިޓަލް އެކައުންޓްސް) ޤައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތައް ހޯދައި, އެ އެކައުންޓުތައް ބޭނުންކޮށްގެން ރާއްޖޭގެ ފަރުތަކުގެ މާހައުލާއި ގުޅިފައިވާ ޤުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި, މި މާހައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކޮށް ތަރައްޤީގެ މަޝަރޫޢުތަކުން ލިބޭ އަދި ލިބިދާނޭ ނޭދެވޭ ގެއްލުންތައް ކުޑަކުރެވޭނޭ ގޮތްތަކެއް ހޯދައި, އެފަދަ ގޮތްތައް ނަކަލު ކުރެވޭނޭ ނިޒާމެއް ހޯދުމަށް މަގުފަހި ކުރުމުގެ މަގުސަދުގައި ރޭވިގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

އެންދެރި ޕްރޮޖެކްޓްގެ ފަރާތުން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާ ގުޅިގެން ބްލޫ މެރިން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހިންގާ މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ މުރަކަފަރުތަކުގެ ވިލުން އަދި އިއާދަވުން އިތުރުކުރުމުގައި ލ.އަތޮޅުގެ ފަރުތަކަށް އަންނަ ބަދަލުތައް މޮނިޓަރ ކުރުމުގެ ގާބިލުކަން އެ އަތޮޅު ރައްޔިތުންގެ ކިބައިގައި އިތުރު ކުރުމެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ތަމްރީނު ޕްރޮގްރާމަށް މީހުން ހޮވުމުގައި އަންހެނުންނަށް އިސްކަން ދެއްވާނެ ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށާއި, އެއީ ތިއަރީ އަދި ޕްރެކްޓިކަލް (އަމަލީ) ސެޝަންތަކެއްގެ ގޮތުގައި ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ތިޔަރީ ކުރިޔަށް ދާނީ އޮންލައިކޮށް 03 ދުވަހަކަށް ބަހާލައިގެންނެވެ. އއަމަލީ ތަމްރީނު ކުރިޔަށް ގެންދާނީ 02 ދުވަހަކަށް ބަހާލައިގެންނެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި, ކޮރަލް ރީފް މޮނިޓަރިންގ ތަމްރީންގެ އަމަލީ ތަމްރީން ފެށުމުގެ ކުރިން ބްލޫ މެރިން ފައުންޑޭޝަން ގެ ފަރާތުން ހުރިހާ ބައިވެރިންނަށް ޕަޑި އޯޕަން ވޯޓަރ ޑައިވިންގ ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ކޯހުގެ ޢަމަލީ ތަމްރީނު އޮންނާނީ ކަނޑުގެ ސަރަހައްދު ތަކުގައި ކަމަށާއި, އަދި ތަމްރީން އޮންނަ ސަރަހައްދު (ރަށަށް) ކުރާ ދަތުރުތަކާއި, ބައިވެރިންގެ ކެއުމުގެ އިންތިޒާމު މި ޕްރޮޖެކްޓްގެ ފަރާތުން ހަމަޖައްސައި ދެވޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި ލ.އަތޮޅުގެ މީހުން އުޅޭ ކޮންމެ ރަށަކުން 01 ފަރާތެއް ހޮވުމަށް އިސްކަންދެވޭނެ.

ޑައިވިން އަދި ފަޅު އަދި ކަނޑުގެ ސާރވޭތައް ކުރުމަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުން.

ޢުމުރުން 16 އަހަރުވެފައިވުން.

16 – 18 އަހަރުގެ ކުދިން ބެލެނިވެރިންގެ ހުއްދައާއެކު.

ހުށަހަޅަންޖެހޭ ތަކެތި:

ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީ.

18 އަހަރުންދަށުގެ ކުދިން މިކަމުގައި ބައިވެރިވުމަށް ބެލެނިވެރިން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

ތަޢުލީމާއި މަސައްކަތް އަންގައިދޭ ލިޔެކިޔުން (ޕޮއިންޓް ދެވޭނީ ހުށައަޅާފައިވާ ލިޔުމަށް އެކަނި).

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މާޗު މަހުގެ 09 ވަނަ ދުވަހުގެ 14:00 އެވެ. ހުށަހެޅުންތައް ހުށަހަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިންނެވެ.

މި ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު އެންދެރި ޕްރޮޖެކްޓްގެ ލ.އަތޮޅުގައި ހުންނަ ޕްރޮކެޖްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގެ ނަންބަރު 7257321 އާ ގުޅުއްވުމުން ލިބޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments