މުޝްފިގުގެ ލައިފްޖެކްޓް މީހަކު ޖަހައިގަތް، ސަލާމަތްކުރަން ކޮއްކޮ ވަރަށް މަސައްކަތްކުރި
Mushfig ge lifejacket meehaku jahaigaiy, salaamaiykuran kokko varah masahkaiy kuri

ހޮޅުދޫ ބޯޓުގެ ހިތާމަވެރި އަލިފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ އުމުރުން 25 އަހަރުގެ އަލީ މުޝްފިޤް ޝަރީފަަކީ ލ. މާވަށަށް އުފަން ނަމޫނާ ދަރިއެކެވެ. މުޝްފިގު ގެއްލުމާއެކު މުޅި މާވަށް ދަނީ ހިތާމަކުރަމުންނެވެ.
މުޝްފިގު ސަލާމަތް ކުރަން ކޮއްކޮ މިންޝާވީ މަސައްކަތްކުރިގޮތުގެ ވާހަކަ އޭނާ ކަނޑޫދޫ ބައެއް ފަރާތްތަކާއި ވަނީ ހިއްސާކޮށްފައެވެ. ބޯޓުގައި އަލިފާން ރޯވިއިރު މުޝްފިގާއި ކޮއްކޮ މިންޝާވީ ޝަރީފް އޮތީ ބޯޓުގައި ނިދާފައެވެ. ދެބެންނަށް ހޭލެވުނީ އެންމެން ހަޅޭލަވާ އަޑަށެވެ. ހޭލެވުނު އިރު ބޯޓުގެ ލައިފްޖެކެޓް ބަހައްޓާފައި ހުރި ދިމާލުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. ބައެއް ލައިފްޖެކްޓްތައް އެނދުމުގެ ސަބަބުން ބޯޓުގައި ތިބި 18 މީހުންނަށް ލައިފްކެކެޓް ހަމަނުވިއެވެ.
މުޝްފިގު ގޮސް އޭނާ އަށާއި ކޮއްކޮއަށް ލައިފްޖެކެޓް ނެގިއެވެ. ނަމަވެސް، ދެބެން ބޯޓުން ފުންމާލާން ތައްޔާރުވި ވަގުތު ބޯޓުގައި އުޅޭ ބިދޭސީ މީހެއް މުޝްފިގުގެ ލައިފްޖެކެޓް ޖަހައިގަތެވެ. މިންޝާވީއަށް ފަތަން އެނގުނު ނަމަވެސް މުޝްފިގުއަކަށް ފަތާކަށް ނޭނގެއެވެ.
”އަލިފާނު މަތިން ވަރަށް ބޮޑަށް އައި ގަޑީގަ އެންމެން ވެސް ފުންމާލީ. އެގަޑީގަ އެސޮރު ބިރުގަނެފައި ހުރުމުން މަ ބުނީ ލައިފްޖެކެޓް އިނީމަ އޯކޭ ވާނޭ. އެހެންކިޔާފަ ފުންމާލަން ތައްޔާރުވެފައި ތިއްބާ ބަންގާޅިއެއް އައިސް އެސޮރު ބޮލުގައި އޮތް ލައިފްޖެކެޓް ޖަހައިގަނެގެން ފުންމާލީ.“
ކޮއްކޮ މިންޝާވީ ބުނީ އެގަޑީގައި ބޭބެއަށް ލައިފްޖެކެޓް ދޭނޭ ވަގުތު ނެތުމުން، ބޭބެގެ އުނަގަނޑުގައި ހިފައި ފުންމާލީ ކަމަށެވެ. ފުންމާލި ވަގުތު ބޯޓު އެދެމީހުންނާ ދިމާލަށް އައެވެ. ނަމަވެސް، މިންޝާވީ ފައިން ބޯޓު ދުރަށް ކޮއްޕާލިއެވެ. އޭރުވެސް މުޝްފިގު ކޮއްކޮގެ ގައި މައްޗަށް އެރުމަށް މަސައްކަތްކުރަމުން ދިޔައެވެ.
”އެހެން 12 ވަރަކަށް ފަހަރު އެރި. ލޮނު ބޮވިގެން ލޮލަށް ނުސާފުވެގެން ތަންތަން ނުފެނޭ ހިސާބަށް ދިޔަ. މަ އޭރުވެސް އުޅުނީ ލައިފްޖެކެޓް އަޅައި އެސޮރު ބޮލުގައި އެޅުވޭތޯ. އެކަމަކު، ނުވި ހަމަ.“ މިންޝާވީ ބުނީ އޭގެ ފަހުން އޭނާ އަށް ލޮނުބޮވިގެން ވީ ގޮތެއް ނޭނގޭ ކަމަށާއި އެހިސާބުން ބޭބެ ގެއްލުނު ކަމަށެވެ.
މުޝްފިގަކީ ހުނަރުވެރި، މޮޅު އަޚުލާގު ރަނގަޅު ޒުވާނެކެވެ. އޭނައަކީ ރީތިކޮށް ޤުރުއާން ކިޔަވައި، ރަށުގައި ވަރަށް ގިނައިން އިމާމުވެ ނަމާދު ކުރާ، ދީނީ ކަންތައްތަކަށް ލޯބިކުރާ އެދަރިއަކަށްޓަކައި މުޅި މާވަށް ފަޚުރުވެރިވާ ޒުވާނެކެވެ. އެރަށުގެ އެންމެންގެ ދުޢާއަކީވެސް ގަދަވެ ސަލާމަތުން މުޝްފިގު ފެނުމެވެ.
މުޝްފިގު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ. އެގޮތުން، ސާފަސް ސާޗުގެ ގޮތުގައި 53.04 ސްކޮޔާ ނޯޓިކަލް މޭލު ވަނީ ބަލާފައެވެ. މީގެއިތުރުން، އިވްކޮށްގެން 64،240 އަކަމީޓަރު ބަލައިފައިވާއިރު، ވައިގެ މަގުން 1545 ސްކޮޔާ މޭލު (4،000 އަކަމީޓަރު) ވަނީ ބަލާފައެވެ.
ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން އެމްއެންޑީއެފް އިން ވަނީ ސަލާމަތްކޮށްފައެވެ.އެއީ 10 ދިވެހިންނާއި 7 ބިދޭސީންނެވެ. ތ. ހިރިލަންދޫއިން މާލެއަށް ދަތުރުކުރަމުންދިޔަ ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެ އަޑިއަށްގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ.