ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓުގެ ޗެމްޕިއަންކަން ލަސާއަށް
WDC Futsal Tournament ge Championkan LASA ah

ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓް 2025 ގެ ފައިނަލުގައި ރޭ 1-0 ގެ ނަތީޖާއަކުން ބެސްޓް ސްޕޯޓްސް ކްލަބް ބަލިކޮށް، ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ޖުމްލަ ފަސް ޓީމު ބައިވެރިވި މި މުބާރާތުގެ ފުރަތަމަ ބުރު ކުޅެފައިވަނީ ލީގު އުސޫލުންނެވެ. ލަސާއިން ވަނީ 10 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދާފައެވެ. އަދި ބެސްޓް ފައިނަލަށް ދަތުރުކުރީ 10 ޕޮއިންޓާއެކު، ދެވަނަ ޓީމުގެ ގޮތުގައެވެ.
ތުނޑީ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު ފޯރިގަދަ މެޗު ޝަރަފްވެރިކޮށްދެއްވީ، ފުޓުބޯޅައިން މުޅި ލ.އަތޮޅާއި ލ.ގަމަށް ރީތި ނަން ހޯދައިދީފައިވާ، ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން، އާމިނަތު ޒާހިޔާ އެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ފެނިފައެވެ. އަދި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ލަސާއަށް ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލަސާގެ ނޫރާ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ރޯސް ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކީ ރޯސްގެ ފާތިމަތު ޒީކް އަބްދުލް މުހުސިން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ލަސާގެ އަހުމަދު އުސާމް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ލަސާގެ ނޫރާ އާއި ފާތިމަތު ތީބާ އަދި ހައްވާ ލިއުޝާގެ އިތުރުން ބެސްޓުގެ ހައްވާ ޝާއިގާ އާއި ފާތިމަތު މަޒިއްޔާ އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލަސާގެ ނޫރާ އެވެ.