ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ބަދަލުކޮށްދިނުމަށް އެދި އެ ސްކޫލުގެ ބެލެނިވެރިންގެ ޕެޓިޝަނެއް އެޑިއުކޭޝަން މިނިސްޓްރީއަށް

ލާމު އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ ނަޞީޚް ބަދަލުކޮށް އެ ސްކޫލަށް ރަނގަޅު ޕްރިސިޕަލެއް އައްޔަން ކޮށްދިނުމަށް އެދި އެ ސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅައިފިއެވެ.

ލާމު އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 200 އަށް ވުރެ ގިނަ ބެލެނިވެރިން މި ޕެޓިޝަނުގައި ސޮއިކޮށްފައިވެއެވެ. މި ޕެޓިޝަނުގައި ސިއިކުރި ބައެއް ބެލެނިވެރިން ބުނި ގޮތުގައި ސްކޫލުގެ ކަންކަން މިހާރަކަށް އައިސް ބޮއްސުންލާފައިވާ ކަމަށާއި ދަރިވަރުންނަށް ތަޢުލީމު އުނގެނުމަށް ރަނގަޅު މާހައުލެއް އެ ސްކޫލުގައި ނެތް ކަމަށެވެ.

ލާމު އަތޮޅު ތަޢުލީމީ މަރުކަޒުގެ މިހާރުގެ ޕްރިންސިޕަލް ނަޞީޙް ބަދަލުކޮށްދެއްވުންމަށް އެދި ބެލެނިވެރިން ސޮއިކޮށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީއަށް ފޮނުވާފައިވާ ޕެޓިޝަނުގައި ބުނެފައިވަނީ މި ޕެޓިޝަނުގައި ބެލެނިވެރިން ސޮއިކޮށް އެޑިއުކޭޝަނަށް ހުށައަޅަން ޖެހުނީ ސްކޫލުުގެ ހާލަތު ކަންބޮޑުވާން ޖެހޭޗަރަށް ދަށަށް ގޮސްފައިވާތީ ކަމަށެވެ.

ގިނަ ބެލެނިވެރިންނާއި ޓީޗަރުން އެކުވެގެން ހެދި އެ ޕެޓިޝަނުގައި އެ ފަރާތްތަކުން ކަންބޮޑުވާ 13 ކަމެއް ވަނީ ފާގަކަ ކޮށްފައެވެ.

ބެލެނިވެރިން ސޮއިކުރި މި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ޕްރިންސިޕަލާއި ސްކޫލުގައި ކިވައިދޭ ޓީޗަރުންނާއި ތަނުގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުންނާއި މެދު އެއްވެސް ގުޅުމެއް ނެތުމާއި، ސްކޫލުގެ އިދާރީ އޮނިގަނޑުގައި އޮތް ހައިރާކީއަށް ބެލުމެއް ނެތިން ތަނުގެ މުވައްޒަފުންނަށް އެންގުންތައް އެންގުމާއި، މި އަހަރުގެ މިހާތަނަށް އައިއިރު، ތަނުގެ ސީނިއަރ ލެވެލްގެ މުވައްޒަފުންނާއި އެއްވެސް ވަރަކަށް ބައްދަލުކޮށް ވާހަދައްކާފައިނުވުމާއި، ރަށާއި އަތޮޅުގެ އެކި މުއައްސަސާތަކާއި އޮން ގުޅުން ކުޑަކަމާއި، ސިޔާސީ ވިސްނުމުގައި ދަރިވަރުންގެ ކުރިމަތީގައި ތަނުގެ ޓީޗަރުންނާއި އިސް މުވައްޒަފުންނާއި ދެބަސްވެ ޒުވާބު ކުރުމާއި، ސްކޫލަށް މުވައްޒަފުން ނެގުމަށް އެކުލަވާލި ޕެނަލްގައި ތިބޭ ޕެނަލިސްޓުން ދޭ މާކްސްއަށް ނުފޫޒުފޯރުވުމާއި އަދި އެ ޕެނަލިސްޓުން އަތުން ބިރުދެއްކުމަށް ފަހު ބަޔާން ނެގުންފަދަ ކަންކަން ހިމަނާފައިވެއެވެ.

މީގެ އިތުރުން ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ބެލެނިވެރިންގެ ބައްދަލުވުމެއްގައި ބެލެނިވެރިއެއްގެ ފަރާތުން ސްކޫލް ކިޔެވުން ފަށާ ގަޑި ހެނދުނު 6:45 އަށް ހެދުމަށް ޚިޔާލް ހުށައެޅުމުން އެ ބެލިވެރިޔާއަކީ ހަރުކަށި ވިސްނުމެއްގެ މީހެއް ކަމަށް ސިފަކޮށް މަލާމާތްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ މަސްދުވަސް ކުރިން ބެލެނިވެރިންގެ ކަންބޮޑުވުންތައް ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައެޅި މި ޕެޓިޝަނަށް އަދިވެސް މިނިސްޓްރީން ޖަވާބެއް އަރުވާފައިނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments