ކަންމަތި ބަލިކޮށް ޗެރިޓީ ޝީލްޑް އަފޭންނަށް
Kanmathi balikoh Charity Shield Afeyn ah

ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ފެށުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗު، އަފޭންނުން ކާމިޔާބުކޮށްފިއެވެ.
ޖުމްލަ 11 ޓީމާއެކު ކުރިޔަށްގެންދާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ޗެރިޓީ ޝީލްޑް މެޗު ކުޅެފައިވަނީ ރޭގައެވެ. އެގޮތުން، މި މެޗުގައި ބައްދަލުކޮށްފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އަފޭންނާއި ރަނަރަޕް، ކަންމަތި ސްޕޯޓްސް ކްލަބެވެ. މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗުން 10،000 ރުފިޔާގެ ފައިސާގެ އިނާމު، ފަލަސްތީނަށް އެހީވާން ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފޮނަދޫ މެދުއަވަށު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗު، އަފޭންނުން ކާމިޔާބުކުރީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ވަރުގަދަ ސްކޮޑަކާއެކު ދެ ޓީމުންވެސް މުބާރާތުގައި ބައިވެރިވިއިރު، ކަންމަތި ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ރޭގެ މެޗުގައި ފެނިފައެއް ނުވެއެވެ. އޭގެތެރޭގައި އަލީ އަޝްފާގް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އިސްމާއިލް އީސާ (މެސީ) ހިމެނެއެވެ. ކަންމަތި ސްކޮޑުގައި ރޭ ހިމަނާފައިވަނީ އެންމެ ހަ ކުޅުންތެރިންނެވެ. އަފޭން ޓީމުގެ ސްކޮޑުގައި ރޭ ނެތީ އަލީ މާއިސް (މައްޓު) އެވެ.
ރޭގެ މެޗުގައި އަފޭންގެ އަލީ ރިޝްވާން އަހުމަދު (ރިޝޭ)، މުހައްމަދު ފާސިރު (ފާއްޓޭ) އަދި ހަސަން އިބްރާހިމުންކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ހުސައިން ޝަކީލް އެވެ. ކަންމަތި ޓީމުގެ ދެ ލަނޑު ޖެހީ އަހުމަދު ހުސައިން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަފޭންގެ ރިޝޭ އެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް މިރޭ ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބެސްޓް ސްޕޯޓްސް ކްލަބާއި ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) އެވެ. އަދި ދެވަނަ މެޗުގައި ލާމު ބްލޫސް ނިކުންނާނީ ރަސްހިންނެ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި ސީއޭސީ ވެޓްރަންސް އެވެ.