ތަފާތު ބޮޑު ނަތީޖާތަކަކާއެކު ބެސްޓް، ލާމު ބްލޫސް އަދި ސީއޭސީން ފެށުން ރަނގަޅުކޮށްފި

Thafaathu bodu natheejaa thakakaa eku BEST, Laamu Blues adhi CAC in feshun rangalhukohfi

ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ގައި މިރޭ ތަފާތު ބޮޑު ނަތީޖާތަކަކާއެކު ބެސްޓް ސްޕޯޓްސް ކްލަބް، ލާމު ބްލޫސް އަދި ސެންޓްރަލް އޭރިއާ ކޮމާންޑް (ސީއޭސީ) ވެޓްރަންސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތައް މިރޭ ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބެސްޓް ނިކުތީ ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) އާ ދެކޮޅަށެވެ. ބެސްޓުން ވަނީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މި މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހަސަން ސޮލާހު ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި ހަސަން ފަރީދު ތިން ލަނޑު ޖެހިއިރު، ހުސައިން ލަތީފު (ކެނީ) ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ އަބްދުﷲ ފަރީސް (ފަރިއްޓެ) އާއި އަހުމަދު އާތިފް (އާއްތޭ) އެވެ.

މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ލާމު ބްލޫސް އާއި ރަސްހިންނެ ސްޕޯޓްސް ކްލަބެވެ. ފުރަތަމަ މެޗަކޭ އެއްގޮތަށް، ދެވަނަ މެޗުގައިވެސް ގިނަ ލަނޑުތަކެއް ފެނިފައިވާއިރު، ލާމު ބްލޫސް އިން މެޗު ކާމިޔާބުކުރީ 10-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލާމު ބްލޫސްގެ އާދަމް ވަޖީހު (ވަޖީ) ހަ ލަނޑު ޖެހިއިރު، މުޖުތާޒް އަލީ (މުޖު) ވަނީ ދެ ލަނޑު ޖަހާފައެވެ. މީގެއިތުރުން، ހުސައިން ޝިހާމް ލަނޑު ޖެހިއިރު، ރަސްހިންނެގެ މުހައްމަދު ޝާފިއު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. ރަސްހިންނެގެ ލަނޑުތައް ޖެހީ އަހުމަދު އުސާމް، މުހައްމަދު ޝާފީ އަދި ހަސަން އިބްރާހިމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލާމު ބްލޫސްގެ ވަޖީ އެވެ.

ގުރޫޕް ”ބީ“ ގެ ފުރަތަމަ މެޗުގައި ސީއޭސީ ވެޓްރަންސް އިންވަނީ 7-3 ގެ ނަތީޖާއަކުން މުންޑޫ ޒުވާނުންޖެ ޖަމިއްޔާ ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސީއޭސީގެ އަލީ އިހުސާން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ މުހައްމަދު އާރިފް، މުހައްމަދު އިބްރާހިމް އަދި އަހުމަދު ލަތީފް އެވެ. މުންޑޫ ޓީމުގެ އިބްރާހިމް ޝަފްރާޒް ދެ ލަނޑު ޖެހިއިރު، އަހުމަދު އަބްދުއް ޝުކޫރު ވަނީ ލަނޑެއް ޖަހާފައެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފޯރިގަދަ މެޗުތަކެއް މާދަމާ ރޭވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އަފޭން ނިކުންނާނީ މާމެންދޫ ޔުނައިޓެޑާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ބެސްޓާއި ލާމު ބްލޫސް އެވެ. މާދަމާ ރޭގެ ފަހު މެޗުގައި ކިންގް ނިކުންނާނީ އެވާލީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments